ދިރާގުން ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ދިރާގުން ބުނީ ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ގެނައި ބަދަލުތަކާއެކު މިހާރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އިތުރު ހަރަދަކާ ނުލައި 40 ޕަސެންޓާއި 100 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި އެންމެ ބާރު ސްޕީޑްވެސް ލިބިގެންދާނެ ކަމަށެވެ. ބިޒް ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް މި މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ގެނައި ބަލަދުތައް އެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.

ދިރާގުން ބުނީ ބިޒްނަސް ކަސްޓަމަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބިޒް ފައިބާ ބޭސިކް 10 އެމް ޕެކޭޖުން މަތީގެ ޕެކޭޖެއް ގެންގުޅޭ ވިޔަފާރިތަކަށް އެއް އަހަރު ދުވަހުގެ ނިޔަލަށް ހިލޭ ވާޗުއަލް މީޓިން ރޫމް ހިދުމަތް ލިބޭނެ ކަމަށެވެ.

"މިއީ ކްލައުޑް ހޮސްޓެޑް ހިދުމަތެއްގެ އިތުރުން، އޯޑިއޯ އަދި ވީޑިއޯ ކޯލްވެސް ކުރެވޭ ހިދުމަތެއް. އެހެންކަމުން ވިޔަފާރިތަކަށް މިހާރު ވާޗުއަލް މީޓިންތައް ބޭނުން އިރެއް ވަންދެން ކޮންމެ ވަގުތެއްގައިވެސް ހިލޭ ބޭއްވޭނެ." ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ވިޔަފާރިތަކުގެ މަސައްކަތްތެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް މަކްރޯސޮފްޓް އޮފީސް 365 އެޑްއޮންސް ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާނެ ކަމަށެވެ. އޮފީސް 365ގައި ހިމެނޭ އެންމެ ފަހުގެ އެޕްތަކާއި ކްލައުޑް ހިދުމަތުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ސެކުއިރީޓީގެ ސަބަބުން ވިޔަފާރިތަކަށް މަސައްކަތުގައި އިތުރު ކުރިއެރުމާއި ފަސޭހަ ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ދިރާގުގެ ޑިރެކްޓަރު ބިޒްސަސް ސޮލިއުޝަންސް މުސްތާގް އަހުމަދު ދީދީ ވިދާޅުވީ ނިއު ނޯމަލްގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ވިޔަފާރިތައް މިވަނީ ޑިޖިޓަލް ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައި ކަމަށެވެ. އެހެންކަމުން ބިޒް ފައިބާ ޕެކޭޖްތަކަށް ގެނައި ބަދަލުގެ އިތުރުން، ދިރާގުން ފޯރުކޮށްދޭން ގަސްތުކޮށްފައިވާ އިތުރު ވެލިއު އެޑެޑް ސާވިސްތަކުގެ ސަބަބުން ދިރާގުގެ ބިޒްނަސް ކަސްޓަމަރުންގެ ޑިޖިޓަލް ކޭޕަބެލިޓީސް އާއި ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން ބުނީ ބިޒްނަސް ފައިބާ ބްރޯޑްބޭންޑް ހިދުމަތަށް ބޮޑު ބަދަލެއް ގެނެސްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުގެ އިތުރުން ބޮޑު ވިޔަފާރިތަކަށްވެސް ޑިޖިޓަލް ހިދުމަތް ހޯދުމަށް ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކަމަށެވެ.

ދިރާގުން ދާދި ފަހުން ވަނީ އެކުންފުނީގެ ހޯމް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

ދިރާގުން އަންނަނީ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށްވެސް އިތުރަށް ފުޅާކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ 61 ރަށަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.