މަލީ ލޯންޑާގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގައި ދެން އޮންނާނީ ހުކުމް އިއްވުން ކަަމަށް ވިދާޅުވެ، ހައިކޯޓުގައި މިއަދު އޮތް އަޑުއެހުން ނިންމާލައިފި އެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވަނީ ދެ ފަރާތުގެ ހުލާސާ ބަޔާން އިއްވައިފައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދުގެ ޝަރީއްަތުގެ މަޖިލީހަށް ހުލާސާ ބަޔާން ހުށަހަޅުއްވައި ދެއްވީ، އެމަނިކުފާނު ގާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
ބަޔާން ހުށަހަޅުއްވަމުން ޑރ. ޖަމީލު ވަނީ ރައީސް ޔާމީންގެ ދިފާއުގައި ގާނޫނީ ނުކުތާތަކެއް ފާހަގަ ކުރައްވައިފައެވެ.
އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، ވޮޑަމުލާގެ ކުލީގެ ފައިސާކަމަށް ބުނާއިރު، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދިޔައިރު، ވޮޑަމުލާއާބެހޭގޮތުން އެއްވެސް ސުވާލެއް ރައީސް ޔާމީންއާ ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުންޏަކީ، ގާނޫނާ ހިލާފު ވިޔަފާރިއެއް ކުރާ ކުންފުންޏެއް ކަމަށް އެއްވެސް އިދާރާއަކުން ނިންމާފައި ނުވާ އިރު އެ ފައިސާއަކީ ގާނޫނާ ހިލާފު ފައިސާއެއްކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ޖަމީލު ވިދާޅުވީ، ހައިކޯޓުން މިމައްސަލަ ދަމަހައްޓައިފިނަމަގާނޫނާ ހިލާފަށް ތަހުގީގު ހިންގުމަށްފަހު ވެސް ދައުވާ އުފުލުމަކީ މައްސަލައެއް ނޫން ކަމުގައި އިގުރާރު ވެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ހެކި ބަސް ނެގުމުގައި ރާއްޖޭގެ ކޯޓުތަކުގައި އަމަލުކުރުމަށް ކަނޑައެޅި އިސްތިގުރާރުވެފައިވާ އުސޫލުތައް އެކީ ނެތިގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަކީލުންގެ ފަރާތުން ޑރ. ޖަމީލު ވާހަކަ ދެއްކެވި އިރު، އަމިއްލަ ދިފާއުގައި ރައީސް ޔާމީން ވެސް ޝަރިއަތުގެ މަޖިލީހުގައި ވާހަކަ ދެއްކެވިއެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރައްވާފައިވާ ހުކުމަކީ، އެމަނިކުފާނު ކުރެއްވި ކަމެއްގެ ސަބަބުން ކޮށްފައިވާ ހުކުމެއް ނޫން ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ، ވޮޑަމުއލާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ޓުއަރިޒަމްގެ ބޭނުމަށް ދޫކުރި ރަށެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނަތާ ގުޅިގެން އެއިރު އެކުންފުނީގެ އެމްޑީއަކަށް ހުންނެވި އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގާފައިވާ ކަމަށާއި އެ ތަހުގީގުގައިވެސް، އެ ރަށް ކުއްޔަށް ދިނުމާ ރައީސް ޔާމީނާ ގުޅުމެއް އޮތް ކަމަށް އެ ދެބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު ވިދާޅުވެފައިނުވާ ކަމަށެވެ.
އޭގެ އިތުރަށް އެމަނިކުފާނު ގުޅުއްވައިގެން ވޮޑަމުއްލާގެ ފައިސާ ހޯއްދަވަން އެދިވަޑައިގެންނެވިކަން ސާބިތުކުރުމަށް ކުޑަމިނުން އެސްއެމްއެސްއެއްހާ މިންވަރުވެސް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި، އަދީބުގެ ހެކިބަހަށް ބާރު ލިބޭނެ އެއްވެސް ހެއްކެއް ނެތް ކަމުގައިވެސް ވިދާޅުވިއެވެ.
ދައުލަރުގެ ފަރާތުން ހުލާސާ ބަޔާން އިއްވަވަމުން ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ، އެ ފައިސާ ލިބިވަޑައިގަތް ކަމަށް ރައީސް ޔާމީން ވެސް އިންކާރު ކުރައްވާފައި ނުވާ ކަމަށެވެ.
އެ މައްސަލައިގައި ސުވާލު އުފެދިފައި ވަނީ މަނީ ލޯންޑްރިންގެ ގާނޫނުގައި ބުނާ ފަދަ ޝައްކު ކުރެވޭ ހާލަތެއް އެ ފައިސާއާ މެދު އޮތްތޯ ނުވަތަ ނޫންތޯ ކަމާ މެދު ކަމަށާއި، ރައީސް ޔާމީނަކީ އޭރުގެ ރައީސް އަދި އަދީބަކީ ނައިބު ރައީސް ކަމަށް ވެފައި އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުން ވިޔަފާރި ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ، އަދީބުގެ ފަރާތްޕުޅުން ފޮނުވާ ފައިސާއާ މެދު ވެސް ޝައްކު ކުރެވޭނެ ހާލަތެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ޕީޖީ ވަކީލު ވިދާޅުވީ، މަނީ ލޯންޑްރިންގެ ގާނޫނުގައި ބުނާ ފަދައިން ޝައްކު ކުރެވޭ ހާލަތެއް އެ ފައިސާއާ މެދު އޮތް ކަމަށެވެ. އަދި އަދީބާއި ޒިޔަތުގެ ހެކިބަހުން އެކަމަށް ބާރު ލިބިދޭ ކަމަށް ދައުލަތުން ބުންޏެވެ.
ދެ ފަރާތުގެ ހުލާސާ ބަޔާން އަޑު އެއްސެވުމަށްފަހު، އެޝަރިއަތުގެ އަޑުއެހުންތައް އެއްކޮށް ނިމުނީ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވިދާޅުވެ މިއަދުގެ ޝަރިއަތުުގެ މަޖިލިސް ނިންމަވައިލެއްްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު