އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޕްރަނާބް މުކަރުޖީ އަވަހާރަވީ އުމުރުފުޅުން 84 އަހަރުގައެވެ. މުކަރުޖީ އަވަހާރަވިކަން އިއުލާންކުރެއްވީ އޭނާގެ ދަރިކަލުން އަބީޖީތު މުކަރުޖީ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕްރަނާބުގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ. އަދި ޕްރަނާބް އަވަހާރަވުމަކީ އިންޑިއާގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދަށްވެސް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ ބޭފުޅުންގެ ތެރެއިން އިންޑިއާގައި އެންމެ އިހުތިރާމު ލިބިވަޑައިގެންފައިވާ މުކަރްޖީ އަވަހާރަވި އިރު، މިމަހުގެ ކުރީކޮޅު އޭނާ ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އެކަން އެނގުނީ ސިކުނޑީގެ އޮޕަރޭޝަނަކަށް ނިއު ދެއްލީގައި ހުންނަ އާމީސް ރިސާޗް އެންޑް ރެފެރަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވުމަށްފަހު ހެދި ޓެސްޓަކުންނެވެ.
އެ އޮޕަރޭޝަނަށްފަހު މުކަރުޖީގެ ހާލުކޮޅު ސީރިއަސްވެ، ފަރުވާ ދެއްވަމުން ގެންދެވީ ވެންޓިލޭޓަރުގައެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ފުންޕާމޭގައި އިންފެކްޝަން އުފެދުމުން ސެޕްޓިކް ޝޮކެއް ޖެހިވަޑައިގެން އޭނާގެ ސިއްހީ ހާލުކޮޅު ދަށްވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މުކަރުޖީ އިންޑިއާގެ ރައީސްކަން ކުރެއްވީ 2012 އިން 2017 އަށެވެ. އަދި އޭގެ ކުރިން ފިނޭންސް މިނިސްޓަރުކަމާއި ޑިފެންސް މިނިސްޓަރު ކަން އަދި ހާރިޖީ ވަޒީރުކަން ކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު