ދައުލަތުގެ ބަޖެޓްުގައި ކުރިން ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ބޮންޑު ވިއްކަން ރައްޔިތުންގެ މަޖިިލީހުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުއްދަދީފިއެވެ.
އެމެއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެކަމުގެ ހުއްދައަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވުމުން އެ ހުއްދަ ދިނުމަށް މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ ވޯޓުންނެވެ.
ގަވަރުނަރު މަޖިލީހުގައި އެކަމުގެ ހުއްދަކަށްއެދިވަޑައިގެންފައިވަނީ، ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ވިއްކުމަށް މަސައްކަތްކުރަމުންދާ ޓްރެޝަރީ ބޮންޑްގެ ސަބަބުން ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުވެދާނެތީ އެވެ.
އެކަމާ ގުޅޭގިތުން އެމްއެމްއޭގެ ގަވަރުނަރު މިއަދު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ބޭރު ފަރާތްތަކަށް ސުކޫކް ބޮންޑް ވިއްކައިގެން ފައިނޭންސް ކުރާނެ އަދަދާއި ރާއްޖޭގެ ފަރާތްތަކަށް ޓްރެޝަރީ ބިލާއި ބޮންޑް ފަދަ ތަކެތި ވިއްކައިގެން ފައިނޭންސް ކުރާނެ އަދަދު ބަޔާންކޮށްފައިވާކަމަށެވެ.
އެގޮތުން އޭގެ ޖުމްލަ 5.5 ބިލިއަން ރުފިޔާއަށް އަރާއިރު، ސަރުކާރުގެ ސެކިއުރިޓީސް އިޝޫކުރުމުގައި އެ އޮތޯރިޓީން އަމަލުކުރަނީ 5.5 ބިލިއަން ރުފިޔާ އަށްވުރެ، ސެކިއުރިޓީސްގެ ނެޓް އިޝުއަންސް އިތުރު ނުވާ ގޮތަށް ބަލައިގެންކަމަށް އެމްއެމްއޭގެ ސިޓީގައިވެއެވެ. ނަމަވެސް، ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް އިޝޫކުރުމަށް މަސައްކަތްރަމުންދާ ޓްރެޝަރީ ބޮންޑް އިޝޫކޮށްފިނަމަ، މި ޢަދަދަށް ވުރެ ޖުމްލަ އިތުރުވެގެންދާނެކަމަށް އެމްއެމްއޭގެ ސިޓީގައިވެއެވެ.
އެކަމާ ގުޅިގެން މަޖިލީހުން މިއަދު ފާސްކުރީ އެދިފައިވާގޮތަށް ބޮންޑު ވިއްކުމުގެ ހުއްދަ ދިނުމަށާއި، ދައުލަތުގެ ބަޖެޓްގެ ނެޓް ފައިނޭންސިންގ 6 ބިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނޭ ގޮތަކަށް ހިފެހެއްޓުމަށެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް އެކަން ނިންމައި މަޖިލީހަށް ހުށަހެޅި ގޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު