ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި މަގުމަތީގައި ވެހިކަލް ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ރޯޑް ޓެކުހެއް ނެގުމަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިބިލު މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.
މިއަދުގެ ޖަލްސާގައި ބިލު ހުށަހަޅުއްވަމުން މެންބަރު ނަޝީދު ވިދާޅުވީ، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނަދު ފަހަރު، ރަޖިސްޓްރީ ކުރެވޭނީ ގަރާޖަކަށް ކަމަށް އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބުނެފައިވާތީ ގަރާޖު ފީ ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ގަރާޖުތަކުގެ ވެރިފަރާތްތަކުން ގިނަ ފައިސާތަކެއް ނަގަމުންދާ ކަމަށާއި އެއް ގަރާޖަށް އެތައް އުޅަނދެއް ރަޖިސްޓްރީ ކުރަމުންދާ އިރު، އެކަން މޮނިޓާ ކުރެވެމުން ވެސް ނުދާ ކަމަށެވެ.
އެކަންތައް އެގޮތަށް އޮތުމުން އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި މިނިސްޓްރީގައި ތިބޭ ނުފޫޒު ގަދަ ބަޔަކަށް ފައިސާ ދޭންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ކަންތައްތައް ދާއިރު ސަރުކާރަށް ލިބޭ އެއްޗެއް ނޯންނަ ކަމަށާއި ހަމައެކަނި ގަރާޖަށް ސޮއިކޮށްލަން 90،000 ރުފިޔާއާ ހަމައަށް އަމިއްލަ ފަރާތްތަކުގެ ޖީބަށް ފައިސާ ވަންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެތައް ބަޔަކު ކޮރަޕްޓްކޮށްގެން ނޫނީ ކާރެއް ރަޖިސްޓްރީ ކުރެވެން ނޯންނަ ކަމަށާއި ކާރު ރަޖިސްޓްރީ ކުރުން ހުއްޓާލާފައިވާ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް މިދިޔަ ހަފުތާގައިވެސް އެގޮތަށް އުޅަނދުފަހަރު ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު ނަޝީދު ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ މިހާރު އޮތްގޮތުން ސަރުކާރުގެ ބައެއް އިސްފަރާތްތަކަށް ދޭން ޖެހޭ ކޮރަޕްޝަން ހުއްޓުވުމާއި ފަސޭހައިން އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އާންމުންނަށް ހޯދުމަށްޓަކައި ކަމަށެވެ.
މިހާރު އޮތް ގޮތް ބަދަލުކޮށް ދައުލަތަށްވެސް އާމްދަނީއެއް ލިބޭ ގޮތަށް، ރޯޑްފީއެއްގެ ގޮތުގައި ޓެކްސީތަކަށް، މަހަކު 500 ރުފިޔާ އަދި ޕްރައިވެޓް ވެހިކަލްތަަކަށް 1000 ނުވަތަ 1500 ރުފިޔާ ދައްކަން ޖެހޭގޮތަށް ގާނޫނުގައި ހިމަނަން ހުށަހަޅާ ކަމަށްވެސް މެންބަރު ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު