މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަންނަނީ އެކްސްޕޯޓްގެ ބާޒާރުގެ އަގަށް ބަލާއިރު ގެއްލުމުގައި ކަމަށާއި އެގޮތުން މިފްކޯއަށް މަސް ގަންނަނީ ކިލޯއަކުން ތިން ރުފިޔާ އާއި ހަތަރު ރުފިޔާއާ ދޭތެރޭގެ ގެއްލުމެއްގައި ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ މިފްކޯއަށް މަސްވެރިން ވިއްކާ މަހަށް ފައިސާ ނުލިބި ލަސްވަނީ ކީއްވެގެންތޯ އާއި ގަވައިދުން މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމް ހަމަޖެއްސޭނީ ކިހާ ދުވަހަކުންތޯ އޮޅުން ފިލުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ގަވައިދުން މަސްވެރިންނަށް ފައިސާ ދޭން ދިމާވާ އެއްމެ ބޮޑު ދައްޗަކީވެސް ގެއްލުމުގައި މިފްކޯއަށް މަސް ގަންނަމުން ދިއުން ކަމަށެވެ. އޭގެ އިތުރުން އެކުންފުނީގެ އޮޕަރޭޝަން މަސައްކަތްތަކުގެ އިތުުރުން ގިނަ ދުވަސްތަކެއް ވަންދެން މިފްކޯއަށް އިހުމާލުވެފައި ވުމުގެ ސަބަބުން ތަކެއްޗަށާއި ތަނަށް ލިބިފައިވާ ގެއްލުންވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަ އަގެއްގައި މަސްގަތުމުން މިފްކޯއަށް ލިބޭ ގެއްލުން ފޫބައްދަމުން އަންނަނީ ސަރުކާރުގެ ލޯނު ފައިސާއިންނާއި މިފްކޯގެ ބެލެނިވެރި ކުންފުނިން ފޯރުކޮށްދޭ ފައިސާއިން ކަމަށްވެސް މިނިސްޓަރު ވިދާވިއެވެ. އެކަންތައްތައް އެހެން ހުރި ނަމަވެސް މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ ހައްލު ކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިފްކޯ އިތުރަށް ތަރައްގީ ކުރުމަށް ކޫއްޑޫގައި 11.76 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް، ފެލިވަރުގައި 12.9 މިލިޔަން ޑޮލަރުގެ ޕްރޮކެޓެއް ހިންގަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަހާ އިތުރަށް ވިދާޅުވީ އެ މަޝްރޫއުތަކުން ކުންފުނި ތަރައްގީކޮށް ގަނޑުކުރި މަހުގެ ގޮތުގައި މަސްބޭރު ކުރުމުގެ ބަދަލުގައި ވެލިއު އެޑްކޮށްގެން އެކި ގޮތްގޮތަށް މަސް ބޭރުކުރަން ފެށުމުން މިފްކޯއަށް ފައިދާވާނެ ކަމަށާއި އެހާލަތުގައި މަސްވެރިންނަށް ވަގުތުން ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިފްކޯ ޕްރައިވެޓައިޒް ކުރުމާބެހޭގޮތުން މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، މިފްކޯއަކީ މަސްވެރިކަމުގެ ސިނާއަަތަށް މުހިއްމު ކުންފުންޏެއް ކަމަށާއި އެ ކުންފުނި ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.