ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ބެހޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އާންމުކޮށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެބޭފުޅުންނާ ބެހޭގޮތުން އެއްވެސް ޝަކުވާއެއްވާ ނަމަ އަންނަ މަހުގެ 13 ވަަނަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އެނގޭގޮތަށް، މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިއުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެންއައިސީއަށް ތިން މެންބަރުން އައްޔަން ކުރުމަށްޓަކައި އެކަމަށް ކުރިމަތިލެއްވި 17 ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އާ މެންބަރުން އައްޔަން ކުރަން ނިންމީ އެ ކޮމިޝަންގައި ތިއްްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އެބޭފުޅުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ތައްޔާރުވެފައި ވަނިކޮށް ދެ މެންބަރަކު އިސްތިއުފާ ދެއްވުމާއި މަޖިލީހުން އެރުވި ލަފައާ އެއްގޮތަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލެއިމާނު ވަކި ކުރެއްވުމާ ގުޅިގެންނެވެ.

  • ހަދިޖާ މޫސާ، މ.ބަޝީރީ ހިޔާ
  • ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ރސ 118
  • އާއިޝަތު ޝިއުނާ، ގ. ދޫރެސް ވިލާ
  • އަހުމަދު މޫސާ، ހ.އަމްސާވިލާ
  • އަލީ މުހައްމަދު މަނިކު، ދަފްތަރު ރސ 1851
  • އާއިޝަތު ހުސެއިންމަނިކު، ހ.ރީނދޫކޮކާގެ
  • މުހައްމަދު އަލީ، ރަތްފުސްގެ، ހއ.ހޯރަފުށި
  • އައިމިނަތު ޝާދިޔާ، މ.ޕިސްތާގެ
  • އިސްމާއިލް ސާޖިދު، މއ. ވިލާރޮދި
  • ހަދީޖާ ނައީމު، މ.ރަންވަރު
  • އައިމިނަތު އަޒްލިފާ، ގުލާބީގެ ރ.ރަސްގަތީމު
  • ހާރިސު މުހައްމަދު، ދަފްތަރު ނަމްބަރު 4289
  • ޑރ.އިބްރާހިމް ޝިޔާމު، މ.ކަފިޔާވިލު
  • އަލީ ނިޒާމު، މ.މޮޑަން ކޮމެޓް
  • އަލީ ނަޖީބު، ހުޅުމާލެ ފްލެޓް 03-1-137
  • މުހައްމަދު ޝަރީފް، ފުސްތަޅާގެ ގދ. ތިނަދޫ
  • މަޖީދު އަލީ، މަތަރެސްމާގެ ގއ.ދާންދޫ

މި ބޭފުޅުންގެ ތެރެއިން އެންއައިސީއަށް އައްޔަންކުރާނެ މެންބަރުން މަޖިލީހުން ކަނޑައަޅާނީ މި ބޭފުޅުންގެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅުމުންނެވެ.