މިފްކޯއަށް މަސްވެރިން ވިއްކާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހަށް ހާޒިކޮށް ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މިނިސްޓަރު ޒަހާއާ ސުވާލުކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ.

މަސްވެރިންނަށް ގަވައިދުން ފައިސާ ދެވޭނެ އިންތިޒާމު މިފްކޯއަށް ހަމަޖެއްސޭނީ ކިހާ ދުވަހެއްގެ ތެރޭގައިތޯ ވެސް ޔައުގޫބު ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިފްކޯއިން ފައިސާ ނުލިބޭ މައްސަލައިގެ އިތުރުން އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތާ ބެހޭގޮތުންވެސް މިނިސްޓަރާ ސުވާލުކުރުމަށް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ރ. މަޑުއްވަރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ލަސްވާ މައްސަލައިގައި އިދިކޮޅު ޕީއެންސީގެ މަޖިލިސް މެންބަރު އާދަމް ޝަރީފު މިނިސްޓަރާ ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައިސް ޕްލާންޓުގެ މަސައްކަތް ނިމި، ހިދުމަތް ލިބެން ފަށާ ތާރީހަކާ ބެހޭގޮތުން ވެސް ޝަރީފް ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.