ނިއު ނޯމަލްގެ އުސޫލުތަކާއެކު މިހާތަނަށް ފަތުރުވެރިން ގެނައުމުގެ ހުއްދަ 95 ސަފާރީއަކަށް ދީފައިވާ ކަމަށާއި އޭގެ ތެރެއިން 76 ސަފާރީން މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ބުނެފިއެވެ.
އެންބީއޭއެމް އިން "ވަން" އަށް މައުލޫމަތު ދިންގޮތުގައި ނިއު ނޯމަލްގެ އުސޫލުތަކާއެކު ފަތުރުވެރިން ގެނައުމަށް ހުއްދަ ދީފައިވާ 95 ސަފާރީއަކީ މިހާތަނަށް ހުއްދަ ދީފައިވާ ސަފާރީތަކެވެ. އަދި މި ތަންތަނުގެ ތެރެއިން ހިދުމަތް ދޭން ފެށި 76 ސަފާރީއަކީ މިދިޔަ ޖުލައި މަހު 15 އިން އިއްޔެގެ ނިޔަލަށް އޮޕަރޭޓް ކުރަން ފަށާފައިވާ އުޅަނދުތައް ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މިމަހުގެ 27 ގައި ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ލިސްޓުން ދައްކާގޮތުގައި 95 ސަފާރީއަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަދީ، 76 ސަފާރީއެއް އޮޕަރޭޓް ކުރަން ފަށާފައިވާ އިރު، ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހާ ދެމެދު ނިއު ނޯމަލްގެ އުސޫލުތަކާއެކު 19 ސަފާރީއެއް އޮޕަރޭޓް ކުރަން ފެށުމުގެ ހުއްދަ އެ މިނިސްޓްރީން ވަނީ ދީފައެވެ.
އެންބީއޭއެމް އިން މައުލޫމާތު ދިން ގޮތުގައި ކޮވިޑް 19ގެ ހާލަތުގެ ކުރިން ރާއްޖޭގައި ޖުމުލަ 125 ސަފާރީއެއް އައީ އޮޕަރޭޓް ކުރަމުންނެވެ. އަދި މީގެ ތެރެއިން އަލުން އޮޕަރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ސަފާރީތަކަކީ އެކަމަށް އެދި މިނިސްޓްރީގައި އެދުނު ސަފާރީތަކުގެ ތެރެއިން މިނިސްޓްރީން ހުއްދަ ދީފައިވާ ސަފާރީތައް ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ޓޫރިޒަމް މިނިސްޓްރީން ހުއްދަ ނުހޯދައި އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ހިދުމަތްދީގެން ނުވާނެ ކަމަށާއި، ސަފާރީ ބޯޓުތަކުގެ ކުރޫގެ އިތުރުން ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ނޭރުމަށް އެންބީއޭއެމް އިން ވަނީ ސަފާރީތަކަށް އަންގައިފައެވެ. މީގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށްދާ ފަތުރުވެރިންނަށް ހުޅުމާލޭގެ އިތުރުން މާލޭގައި ކޮވިޑަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު