ކޮވިޑް 19 ފަތުރަން އުޅުއްވާ ހަގީގީ ބޭނުމަކީ ކޮބައިތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އިދިކޮޅު ޕީއެންސީގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުއާ ސުވާލު ކުރައްވައިފިއެވެ.

ރޮޒެއިނާ ޝަރީފަށް މިސުވާލު ކުރިމަތި ކުރައްވާފައި ވަނީ، އިދިކޮޅު ޕީޕީއެމް ޕީއެންސީން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާއަށްފަހު ޝަރީފް ކުރެއްވި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ ބާރުތައް ރައްކާތެރި ކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށް ދިވެހިން ތައްޔާރު ކަމަށާއި ސިޔާދަތީ ބާރުތައް ދޫކޮށްލާނީ ގައުމުގެ ހާއިނުން ކަމަށެވެ.

އެ ޓުވީޓަށް ޖަވާބު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ ގައުމުގެ ސިޔާދަތީ ބާރެއް ދޫކޮށްލައިފިއްޔާ އެ ބޭފުޅުންވެސް ނިކުންނަވާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުވަނީސް މި ދަނޑިވަޅުގައި މަގުތަކަށް ނުކުމެ ކޮވިޑް 19 ފަތުރަން މަސައްކަތްކުރާ ސަބަބެއް ނުވިސްނޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ބަޔަކު ދުނިޔޭގައި ތިބެގެން އުނދަގޫވީތޯވެސް ރޮޒެއިނާ ސުވާލު ކުރެއްވިއެވެ.

"ތީ ހަމަ ތެދެއް. ތި ސިޔާދަތީ ބާރެއް ދޫކޮށްލައިފިއްޔާ އަޅުގަނޑުމެންވެސް ނުކުންނާނަން. ނުވިސްނެނީ ތިފަދަކަމެއް ނުވަނީސް ތިބޭފުޅާ ނުކުމެ ކޮވިޑް 19 ފަތުރަން ތި އުޅުއްވާ ހަގީގީ ބޭނުމަކީ ކޮބައިތޯ؟ ބަޔަކު ދުނިޔޭގައި ތިބެގެން އުނދަގޫވީތޯ،" ޝަރީފަށް ޖަވާބު ދެއްވައި ރޮޒެއިނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ސައިކަލު ބުރުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ ހިލާފުވި މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފައެވެ.