މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާކޮށް، ސިޓީ ކައުންސިލުގެ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޒާރު ދެއްވި ކަމަށް ބުނެ ދައްކާ ވާހަކަތައް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެންބަރުން ދޮގުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުގެ މެންބަރަކާ ހަވާލާދީ އޮންލައިން މީޑިއާއެއްގައި ގެނެސްދިން ހަބަރެއްގައި ބުނެފައިވަނީ، ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައި ވަނިކޮށް އެމްޑީޕީގެ އޮފީހުގައި ރައީސް ނަޝީދު ކައުންސިލް މެންބަރުންނާ އިއްޔެ ބައްދަލު ކުރެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި މޭޔަރާއި ޑެޕިއުޓީ މޭޔަރު ޕާޓީގެ ސްލޮޓެއްގައި ހުއްޓައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނެނގޭނީ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި އެ އުސޫލާ ހިލާފުވާ މީހުން ޕާޓީން ވަކިކުރުންފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެ، އިންޒާރު ދެއްވި ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފަ އެވެ.
ވިލިމާލެ ދާއިރާގެ މެންބަރު ހަމްނާ ވަހީދާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަހުމަދު ނިޔާޒު އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ސޮއިކުރައްވައި ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ، ރައީސް ނަޝީދު ކައުންސިލު މެންބަރުންނާ ބައްދަލުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ބައްދަލުމުގައި މަޝްވަރާކުރީ ކައުންސިލް މެންބަރުންނާއި ޕާޓީގެ ލީޑާޝިޕް ގުޅިގެން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅިގެން ކަމަށް ވެސް އެ މެންބަރުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
"އެ ބައްދަލުވުމާ ގުޅިގެން އެހެން ގޮތަކަށް ދެކެވޭ ވާހަކަތަކަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ހިންގާ ފިނޑި އަމަލެއް ކަމުގައި ދެކެމެވެ. އެމްޑީޕީގެ ފިކުރަކީ އަބަދުވެސް މަޝްވަރާގެ އުސޫލުން ކަންކަން ހައްލު ކުރުންކަމުގައިވާތީ، އެކަން ކުރިއަށް އޮތް ތަނުގައި ވެސް ހިނގާނީ އެ އުސޫލުން ކަމުގައި ދަންނަވަމެވެ،" ހަތަރު މެންބަރުން ސޮއިކުރައްވާ ނެރުނު ކުރު ބަޔާނުގައި ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު