ވަކީލުކުރުން ހައްގުގޮތުގައި ﷲ އަށް ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފައި، ﷲ ތައާލާ އަށް ބަރޯސާވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ހައްގު ގޮތުގައި ﷲ އަށް ވަކީލުކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ވަކީލުކުރުން ހައްގުގޮތުގައި ﷲ އަށް ވަކީލު ކުރުމަކީ އިސްލާމް ދީނުގެ ރިވެތި އަހުލާގުގެ ތެރެއިން ހިމެނިގެންވާ މަތިވެރި މާތް ސިފައެއް ކަމަށާއި އެއީ އީމާންކަމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއްގެ އިތުރުން އީމާންކަން ފުރިހަމަވުމަށްޓަކައި ކޮންމެހެން ލާޒިމު ކަމެއް ކަމަށެވެ. އެހެންކަމުން އިހުލާސްތެރިކަމާއެކު ﷲ އަށް ވަކީލު ކުރުމަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވާޖިބެއް ކަމަށް ހުތުބާގައި ބުންޏެވެ.
އޭގެ އިތުރުން ﷲ އަށް ވަކީލު ކުރުމަކީ ގަދަރު އުފުލިގެންވާ އަމަލެއްގެ އިތުރުން ﷲގެ ލޯބިވެވޮޑިގަތުން ހާސިލު ކުރެވޭނޭ މަގެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
މާތް ﷲ މި ކާއިނާތުގެ ކަންކަން ތަދުބީރު ކުރައްވައި ރާއްވަވައި، ހިންގަވަނީ އެކަލާނގެ ލައްވާފައިވާ ކައުނީ ސުންނަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުންޔަވީ ސަބަބުތަކެއްވާ ކަމަށެވެ. އެ ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އަދި އެ ސަބަބުތަކަކީ ކަމެއް ހާސިލުކުރުމުގައި މުހިންމު ކަމެއް ނޫން ކަމުގައި ދުށުމަކީ ސިކުނޑީގެ އުނިކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
އެއާއެކު ހަމައެކަނި އެ ސަބަބުތަކަށް ބަރޯސާވުމަކީ އިސްލާމީ އަގީދާއާ ފުށުއަރާ ކަމެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އެހެންކަމުން އިންސާނުންނަށް އޮތީ ސަބަބުތަކުގައި ހިފައި، ﷲ ތައާލާ އަށް ބަރޯސާވުން ކަމަށާއި އެހެނީ ހަގީގަތުގައި ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާއެކު ސަބަބުތައް މެދުވެރިކުރައްވާ ރަސްކަލާނގެއަށް ބަރޯސާވުން ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، މުއުމިނުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަދި ކުރިމަތިވާ ކޮންމެ މުސީބާތެއްގައި ވެސް އޭނާގެ މަދަދުގާރަކީ ގަދަކީރިތި ވަންތަ ﷲ ތައާލާ ކަމަށެވެ. އެހެންކަމުން އޭނާއާމެދު ބަޔަކު ކިތަންމެ ރޭވުމެއް ރޭވިޔަސް، އަދި ދުނިޔެ މަތީގައި ކިތަންމެ ބޮޑު ހިތްދަތި ކަމެއް ލިބުނަސް ﷲ އަށް ވަކީލުކޮށްފިނަމަ އޭނާއަށް އެކަލާނގެ ފުދިގެންވާ ކަމަށް ހުތުބާގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު