މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ހުރީ ހެދިފައި ކަމަށާއި އެ ގަވައިދުތައް ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ އާ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ގިނަ ގަވާއިދުތަކެއް ފިޝަރީޒް މިނިސްޓްރީން ނިންމާފައި ނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމެޓީން ވަނީ މިނިސްޓަރު ޒަހާ ޒިންމާ އަދާނުކުރައްވާ ކަމަށް މޭ މަހުގެ ތެރޭގައި ނިންމައިފައެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ހެދުން ލަސްވީ ކޮވިޑުގެ ހާލަތުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެން މަސްވެރިކަމުގެ ގަވައިދުތައް ހަދަން ފަށައިގެން އަޅުގަނޑުމެން މަސައްކަތް މިކުރަނީ ކޮވިޑުގެ ތެރޭގައި، އޮފީސްވެސް ބަންދުވެފައި މިހުރީ މި ހުރިހާ ދަތިތަކަކާއެކު އަޅުގަނޑުމެން މަސައްކަތް މިކުރަނީ. މީގެ ކުރިންވެސް އަޅުގަނޑު މީޑިއާއަށް ދަންނަވާފައިވާނެ އަޅުގަނޑުމެން އެޓާނީ ޖެނެރަލްގެ އޮފީހަށް 31 މޭ 2020ގައި އެ ހެދިފައި ހުރި ހުރިހާ ގަވައިދުތައް ފޮނުވީ. އެ އެއްޗެހި މިހާރު އަޅުގަނޑުމެންނަށް ލިބި ގެޒެޓް ކުރެވުމަށްޓަކައި 14 ޖުލައި 2020ގައި ފޮނުވިފައިވަނީ" ޒަހާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޒަހާ ވިދާޅުވީ، މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ ގެޒެޓު ކުރުމުގެ ކުރިން، އެގަވައިދުތަކުގެ އިމްލާ ކުށްތައް ރަނގަޅު ކުރުން ފަދަ ބައެއް އިދާރީ ކަންކަމުގެ މަސައްކަތް ކަމަށެވެ.

"ދެން މިހާރު މިކުރެވޭ މަސައްކަތްތަކީ ގެޒެޓުގައި ޖެހުމަށްޓަކައި އެކުރަން ޖެހޭ އިމްލާ ކުށާއި އެހެން ގާނޫނުތަކާއި ތައާރަޒުވޭތޯ ބެލުމާއި، އެކަހަލަ އިދާރީ މަސައްކަތްތައް ކުރެވެމުން މިދަނީ. އެހެންކަމުން އަޅުގަނޑު އުންމީދު މިކުރަނީ މާ ލަސްތަކެއް ނުވެ ހުރިހާ ގަވައިދުތައް ގެޒެޓު ކުރެވިގެންދާނެ. ހުރިހާ ގަވައިދުތައް ހެދިފައޭ ހުރީ. އެކި މަރުހަލާތަކުގައި އެ ގަވައިދުތައް ގެޒެޓު ކުރެވެމުން ދާނީ" ޒަހާ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވެފައިވާއިރު، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަހާ ވަނީ، ރާއްޖެއަށް މިވަގުތު މުހިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްވެރިކަމު އާ ގާނޫނުގައި ކަނޑައަޅައިފައިވާ ގަވައިދުތައް އެކުލަވައިލުމަށްވުރެ ޔޫރަޕިއަން ޔޫނިއަން، އީޔޫގެ ރިކޮމެންޑޭޝަންގައިވާ ކަންކަން ނިންމުން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވިއެވެ.