ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އެކި ބަސްބަހުން ވާހަކަދައްކަވަން އަމިއްލަފުޅަށް ދަސްކުރައްވަމުން ގެންދަވާތީވެ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް މިނިސްޓަރަށް ތައުރީފުކުރައްވައިފިއެވެ.

ރާއްޖޭގެ 55 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ޗައިނާގެ ބެއިޖީންގައި ބޭއްވި ރިސެޕްޝަނެއްގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރު ޝާހިދު ވާހަކަދައްކަވާފައި ވަނީ ޗައިނާ ބަހުންނެވެ.

މިނިސްޓަރު ޝާހިދު ޗައިނާ ބަހުން ވާހަކަދައްކަވާ ވީޑިއޯ ޓުވީޓުކުރައްވައި ޗައިނާ ސަފީރު ވިދާޅުވީ މިނިސްޓަރު އަމިއްލަފުޅަށް ދަސްކުރައްވައިގެން އެކި ބަސްބަހުން ވާހަކަދައްކަވައި، އެ ކުޅަދާނަ ކަމަށް މިނިސްޓަރަށް ސެޓްފިކެޓެއް ދޭން ވިސްނަވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވަނީ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ރިސެޕްޝަންތަކުގައި އެ ގައުމެއްގެ މީހުން ވާހަކަދައްކާ މާދަރީ ބަހުން ތަގުރީރު ކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ މިނިވަންދުވަހާއި ގުޅިގެން ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީން ބޭއްވި ރިސެޕްޝަނުގައި ވެސް މިނިސްޓަރު ތަގުރީރުކުރެއްވީ އަރަބި ބަހުންނެވެ.

މީގެ އިތުރުން ތައިލެންޑުގައި ކުރިއަށްގެންދިޔަ ރިސެޕްޝަނުގައި މިނިސްޓަރު ވާހަކަދެއްކެވީ ތައި ބަހުންނެވެ. އަދި މެލޭޝިއާގައި ބޭއްވި ރިސެޕްޝަނުގައިވެސް މިނިސްޓަރު ވަނީ މެލޭ ބަހުން ވާހަކަދައްކަވައިފައެވެ.