ލޯކަލް ކައުންސިލުތަކުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް، ފަސް ފަނޑިޔާރުންގެ ބެންޗަކުން މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފިއެވެ.
ލޯކަލް ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރަން ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ވަނީ އިސްލާހު ގެނެސްފައެވެ. ނަމަވެސް އެ މާއްދާ ބާތިލުކޮށްދިނުމަށް އެދި، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ވަނީ ހައި ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.
ހައިކޯޓުން ބުނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު ފަށާ އިރު، ޝަރީއަތް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށެވެ. އެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
އެ މައްސަލަ ބަލާ ބެންޗުގައި ތިއްބަވަނީ ކޮން ފަނޑިޔާރުން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރަން މޫސާ އަންވަރު ފުރަތަމަ ހުށަހެޅުއްވީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން އެންގީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ.
މި އަހަރު ބާއްވަން ހަމަޖެއްސި ކައުންސިލުތަކުގެ އިންތިހާބު، ކޮވިޑް 19އާ ގުޅިގެން ގާނޫނަށް އިސްލާހު ގެނެސް އަންނަ އަހަރަށް ވަނީ ފަސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު