ބަހުރައިނަށް ރާއްޖެއިން ކަނޑަައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ގ. އުތުރުގެއާގެ، މުހައްމަދު ހަލީލް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ހަލީލަށް ރުހުން ދޭން މަޖިލީހުން މިއަދު ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މީގެ ކުރިން ބަހުރެއިނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރެއްގެ ގޮތުގައި ހުންނެވީ ޑރ. ހުސައިން ނިޔާޒްއެވެ. ނަމަވެސް ޑރ. ހުސައިން ނިޔާޒު މިހާރު ވަނީ އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ބަދަލުކުރައްވައިފައެވެ.

ބަހުރައިނަށް ކަނޑަައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވި ހަލީލު މީގެ ކުރިން ހުންނެވީ ސައޫދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ.