ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެލައިޑުން ފައިސާ ދައްކަމުން ނުދާތީ، ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ޖާބިރުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ، މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.

ޔޮޓް ޓުއާސްގެ ފަރާތުން ޗެއާމަން އަބުދުﷲ ޖާބިރު ސޮއިކުރައްވައި، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ސިޓީގައި ބުނެފައިވަނީ ޖުލައި 19 ވަނަ ދުވަހުން ފެށިގެން މަދުވެގެން އެ މަހަކަށް ޖެހޭ މިންވަރު، އެ މަހަކު ސިވިލް ކޯޓަށް ދައްކަމުން ގެންގޮސް މީލާދީ ހަ މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެލައިޑުގެ މައްޗަށް ހުކުމްކޮށްފައިވީ ނަމަވެސް އެގޮތަށް އެލައިޑުން ފައިސާ ދައްކަމުން ނުދާ ކަމަށެވެ.

"އެ ހުކުމާ އެއްގޮތަށް އެލައިޑުން އަރަނި ވެރިޔާއަށް ދޭންޖެހޭ ފުރަތަމަ ޕޭމަންޓްގެ ގޮތުގައިވާ 3.7 މިލިއަން ޑޮލަރު ހުކުމް ކުރި ތާރީހުން ފެށިގެން އެދުވަހުގެ ތާރީހުގައި 19 އޯގަސްޓުގެ ނިޔަލަށް ސިވިލް ކޯޓަށް ދައްކަން ޖެހެއެވެ. އެ މުއްދަތުގައި ފައިސާ ދައްކާފައި ނުވަނީ ހުކުމާ އެ ކުންފުނިން ހިލާފުވެފައިވާތީ،" ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ވީމާ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް "އަރަނި ވެރިޔާ" އަށް ލިބެންޖެހޭ ހައްގު އަވަހަށް ލިބޭގޮތަށް ހުކުމް ތަންފީޒު ކުރުމުގެ އަަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ސިވިލް ކޯޓުގައި އެދޭކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ޔޮޓް ޓުއާސްއަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ޔޮޓް ޓުއާސްގެ ހއ. އަލިދޫ ރިސޯޓް އެލައިޑްގައި އިންޝުއާކޮށް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި އެލައިޑަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ވަނިކޮށް 2014 ވަނަ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަށް 22،784،837.59 ޑޮލަރު ހޯދަން ހުށަހެޅުމުން އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެލައިޑުން ނިންމުމުން ޔޮޓް ޓުއާސް އިން ދައުވާކުރުމުންނެވެ.