ކިލޯ އަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލޭގެ ގެއަކުން ހައްޔަރު ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހަކީ ގދ. ތިނަދޫ، ކަސްތޫރިގެ، އައިމަން އަހުމަދުއެވެ. ފުލުހުން ވަނީ މި މީހާއަކީ 27 އަހަރުގެ މީހެއް ކަމަށް ބުނެފައެވެ.

އައިމަން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ޝަރީއަތުން ވަކި ގޮތެއް ނިމެންދެން އައިމަން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ބުރާސްފަތި ދުވަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއްގެ އެޕާޓްމަންޓަކާއި ހެންވޭރު ގެއެއް މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނިފައިވަނީ މާލެއިން ބަލައި ފާސްކުރި ގެއިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެގޮތުން އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ހަތަރު ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1.16 ކިލޯގްރާމު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވަނީ މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.