ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމަށާއި އެހެންކަމުން ހާރިޖީ ވަޒީރު މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިނިސްޓަރު ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްވެސް އެ ދުވަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ދިވެހި ދައުލަތް ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އަބަދުވެސް ވަރަށް ތާއީދުކުރާ ނިޒާމެއް އެއީ ބަރުލަމާނީ ނިޒާމަކީ. މިގައުމުގައި ވެރިކަން ކުރެވޭނެ އެންމެ ފުރިހަމަ ނިޒާމު އެއީ. އަޅުގަނޑަށް ޔަގީން މި ނިޒާމަށް މެންބަރުންގެ ތާއީދު ލިބޭނެކަން،" ޖާބިރު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ އިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަށް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ބައެއް މެންބަރުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު