ގަރާޖުތަކުގައި ވެހިކަލް ރަޖިސްޓްރި ކުރަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.

އޭނާ ހުށަހަޅުއްވާފައިވަނީ އެ ގާނޫނުގެ 13 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.

އެ އަކުރުގައި ބުނެފައިވަނީ ރާއްޖޭގައި އިންޖީޏު ލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއް ނުވަތަ ބިމެއްގައި އުޅަނދު ފަހަރު ބޭއްވުން ލާޒިމުވެގެން ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ. ދެން އޮންނާނީ އެ ބިލު މަޖިލީހަށް ހުށަހަޅައި ބަލައިގަންނަން ފެނޭތޯ ބެލުމެވެ.

އެއްގަމު އުޅަނދު އިންޝުއާ ކުރަން ޖެހޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި އޮންނަ މާއްދާ އުވާލުމަށްވެސް ނަޝީދު ވަނީ އިއްޔެ މަޖިލީހަށް ފޮނުވައިފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނަޝީދު ހުށަހަޅުއްވާފައިވަނީ އިންޝުއަރެންސްއާ ބެހޭގޮތުން އޮންނަ އެ ގާނޫނުގެ 69 ވަނަ މާއްދާ އުވައިލުމަށެވެ.

އެ ބިލުގެ ފުރަތަމަ ކިޔުންވެސް އިއްޔެ ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވައިފައެވެ.