ކޮވިޑްގެ ކޭސްތައް އިތުރުވުމާއެކު ސްޕެއިންގެ ގަލީސިޔާގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފިއެވެ.

ސްޕެއިންގެ ހުޅަނގު އުތުރުގައި އޮންނަ ގަލީސިއާގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވަނީ ހެލްތު މިނިސްޓްރީ އިން ކުރި ދިރާސާއަކަށް ތާއީދުކުރުމުގެ ގޮތުން ކަމަށް އޮފިޝަލަކު ވަނީ ބުނެފައެވެ.

އެދިރާސާއިން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކޮވިޑް ފެތުރުމަށް އިތުރަށް މަގުފަހިވުމުގެ އިތުރުން ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ބަލިން ފަސޭހަވުމުގައި ދަތި އުނދަގޫ ތަކެއް ތަހަންމަލުކުރަން ޖެހޭކަމަށް ދައްކައިފައެވެ.

ގަލީސިއާގެ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރިކަން އިއުލާންކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސްޕެއިންގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންގޮސް ވަނީ ކޮންޓްރޯލުން ނެއްޓިފައެވެ. ސްޕެއިން އިން ވަނީ މިހާތަނަށް ތިން ލައްކަ އަށްވުރެން ގިނަ ކޮވިޑް ކޭސްފެނިފައެވެ.