ނެދަލެންޑު ސިފައިން ބޮޑު ކޮކޭން ލެބެއް ހޯދައިފިއެވެ.

ނެދަލެންޑުގެ އުތުރުގައި މީހުން ނޫޅޭ ސަރަހައްދެއްގައި ހަދައިފައިވާ މި ލެބުން 17 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ނެދަލެންޑު ސިފައިންގެ ޗީފް އަންދްރެ ވަން ރިޖިން ވަނީ މިއީ ނެދަލެންޑުން މިހާތަނަށް ފެނިފައިވާ ކޮކޭންގެ އެންމެ ބޮޑު ލެބް ކަމަށް ބުނެފައެވެ.

ޗީފް ވަނީ މިލެބުގައި ދުވާލަކަށް 150-200 ކިލޯގެ ކޮކޭން ތައްޔާރުކުރުމުގެ ގާބިލުކަން ލިބިފައިވާކަމަށް ބުނެފައެވެ. މިއީ މަގުމަތީގެ އަގުން ނަމަ ގާތްގަނޑަކަށް 6 މިލިއަން ޔޫރޯގެ ކޮކޭން އެވެ.

އެ ލެބުން ވަނީ ގިނަ އަދަދެއްގެ ކެމިކަލްވެސް ފެނިފައެވެ. މިކެމިކަލްއަކީ މަސްތުވާތަކެތީގައި ބާރު ގަދަކުރުމަށް ބޭނުންކުރާ ކެމިކަލް އެއްކަމަށް އެގައުމުގެ ސިފައިން ވަނީ ބުނެފައެވެ.

ސިފައިން ހައްޔަރުކުރި މީހުންގެ ތެރެއިން 16 މީހުން ހައްޔަރުކޮށްފައިވަނީ ލެބުން ކަމަށް ސިފައިން ވަނީ ބުނެފައެވެ. އަދި 17 ވަނަ މީހާ ހައްޔަރުކޮށްފައިވަނީ އެގައުމުގެ އެހެން ސިޓީއަކުންނެވެ. ސިފައިން ވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން ކޮލަމްބިއަން ޕާސްޕޯޓު ގެންގުޅޭ ބަޔަކު ހިމެނޭކަމަށް ވެސް ވަނީ ބުނެފައެވެ.