ވިއްސާރައިގެ ސަބަބުން އެސްޓީއޯ ފުށް ގުދަނަށް ފެން ނުވަންނަ ކަމަށާއި ރައްޔިތުން ކަންބޮޑުވާ ގޮތަށް ދޮގު ހަބަރު ފެތުރުން ހުއްޓުވަން ޖެހޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައިވަނީ ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ދެއްކި ވާހަކައެއްގެ ވީޑިއޯކޮޅެއް ޓުވިޓާގައި ހިއްސާކުރައްވަމުންނެވެ.

މި ޕްރޮގްރާމް ހުށަހެޅީ ޕްރެސެންޓަރު ވަނީ ވިއްސާރައިގެ ސަބަބުން އެސްޓީއޯ ފުށް ގުދަނަށް ފެން ވަދެ، ފެން ބޮޑުވެފައިވާ ކަމަށް ބުނެފައެވެ.

މިކަމަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވީ އެސްޓީއޯގެ އެއްވެސް ކާޑުގެ ބާވަތަކަށް ވިއްސާރައިގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި މީގެ ކުރިންވެސް ދޮގު ހަބަރު ފަތުރާތީ ނަސޭހަތް ދެވިފައިވާކަން އަމްރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނަށް ޓެގް ކުރައްވައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ގޮތަށް އެފަދަ ހަބަރުތައް ފެތުރުން ހުއްޓުވެން ޖެހޭނެ ކަމަށް ވެސް އަމްރު ވިދާޅުވެފައިވެއެވެ.

މީގެ ކުރިންވެސް ބްރޯޑްކޮމްއިން ވަނީ ޗެނަލް 13ގެ ބައެއް މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.