ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހާއްސަ ދަތުރެއް ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ބާއްވަން އެ އެއާލައިނުން ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ، މިމަހުގެ 20 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ދަތުރަށް މިމަހުގެ 15ގެ ކުރިން ޓިކެޓް ގަންނަން ޖެހޭނެ ކަމަށެވެ. ބެންކޮކަށް ދާ ފްލައިޓުގައި ހަމަ އެދުވަހު ބެންކޮކުން ރާއްޖެއަށް އަންނަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކޮވިޑް 19އާ ގުޅިގެން ބެންކޮކުގެ ބޯޑަރު ފަތުރުވެރިންނަށް ބަންދުކޮށްފައި އޮތް ނަމަވެސް ވިސާއަކާއެކު އެގައުމަށް އެތެރެވެވެއެވެ.

ކޮވިޑުގެ ސަބަބުން ވައިގެ ދަތުރުތައް ހުއްޓާލައި ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުން މޯލްޑިވިއަނުން ވެސް ވަނީ ބެންކޮކަށް ކުރާ ފަސިންޖަރު ފްލައިޓުތައް ހުއްޓާލައިފައެވެ. ނަމަވެސް އެ އެއާލައިނުން ދިޔައީ ޑިމާންޑަށް ބަލައި ބެންކޮކަށް ކާގޯ ފްލައިޓުތަކެއް ބާއްވަމުންނެވެ.