ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމަކީ، އެކި ހިޔާލުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޝްވަރާދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ބޮއްސުންލާފައިވާ ކަމަށް ވިދާޅުވެ، ދިވެހި ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅާފައިވާ މައްސަލަތައް، ބެލުމަށް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުއްވައިފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި މަޖިލިސް ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކީ، އަބަދު ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ނޫން ކަމަށެވެ.

"މަޖިލިސްގެ ކޮމިޓީތަކަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކީ، އަބަދު ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުންނެއް ނޫން. އެކި ހިޔާލުގެ އެކި ބާވަތުގެ ބޭފުޅުން މަޖިލީހަށް ވަޑައިގަނެ، މަޝްވަރާދެއްވުމަކީ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު،" މަޖިލިސް ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅުން މަޖިލިސް ރައީސްއަށް ހުށަހެޅުއްވި މައްސަލަތައް، ބެލުމަށް އިޖުތިމާއީ ކޮމިޓީއަށް އެންގެވުމާ ގުޅިގެން ބުރާސްފަތި ދުވަހު، އެ ކޮމިޓީން ވަނީ އެ ފަރާތްތަކާ ބައްދަލުކޮށްފައެވެ. ކޮމިޓީގެ ބައްދަލުވުމުގައި، ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާ ބެހޭ މައުލުމާތު އެބޭފުޅުން ވަނީ ކޮމިޓީއާ ހިއްސާ ކުރައްވައިފައެވެ.

އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ، ޑރ. ހުސެއިން މާހިރާއި ޑރ. އިޝްހާގު ޝަފީގާއި ހަދީޖާ އަބުދުއްސަމަދު އަބުދުﷲގެ އިތުރުން ހަފީޒާ އަލީ އާއި ޑރ. މުހައްމަދު ޝާފީ އަދުލް މުއީނެވެ.

އެ ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އެކި ކަންކަމުގައި 45 ވަރަކަށް އަހަރު ހިދުމަތްކުރެއްވި ހަފީޒާ އަލީ ވިދާޅުވީ އެ މަގާމުތަކާ ނުލައި ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށް ނުދެވޭ، މުހިއްމު މަގާމުތަކެއް ރާއްޖޭގެ ސިއްހީ ނިޒާމުގައި އަދިވެސް އޮތީ ހުހަށް ކަމަށެވެ.

އެގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމު އޮތީ ހުހަށް ކަމަށާއި ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެއީ ވަރަށް މުހިއްމު މަގާމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަގާމުގައި މީގެ ކުރިިން މީހަކު ހުރި ނަމަވެސް މި ސަރުކާރު އައި ފަހުން އެ މަގާމު ހުސްކޮށް އޮތުމުގެ އިތުރުން އެ ފަންކްޝަން ވެސް ނެތް ކަމަށާއި އެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ވެސް ނެތް ކަމަށެވެ.

"ޓެކްނިކަލް ހުރިހާ މަސައްކަތެއްގެ ޑިޒިޝަން ނެގުމާއި ލަފާ ދިނުމާއި މަޝްވަރާ ދިނުމާއި ހުރިހާ ކަމެއް ކުރާ މަގާމަކީ ޑިރެކްޓާ ޖެނެރަލް. އެ މަގާމުގައި ހުންނަވަން ޖެހޭނީ ވެސް ސްޕެޝަލައިޒްޑް ޑޮކްޓަރެއް. އެ މަގާމަށް މީހަކު ނުވަނީ އެއީ ސިވިލް ސާވިސް މަގާމަކަށް ވެފައި، މުސާރަ ދަށްވެފައި، މަސްއޫލިއްޔަތު ބޮޑުކަމުން،" ހަފީޒާ ވިދާޅުވިއެވެ.

ދެވަނަ މަގާމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޑިރެކްޓާ ޖެނެރަލް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަގާމެވެ. މިހާރު އެ ބައިގައި ޑރ. ޝާހު ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް، އެއީވެސް މީހަކު ބޭނުންވާ މަގާމެއް ކަމަށް ހަފީޒާ އަލީ ވިދާޅުވިއެވެ. އަދި ތެލަސީމިޔާ ސެންޓަރާއި ލޭއެޅުމުގެ ބައިތަކުގައި ހުންނަން ޖެހޭ އެންމެ އިސް ބޭފުޅާ ކަމަށްވާ ޑިރެކްޓާ ޖެނެރަލް އޮފް ނެޝަނަލް ބްލަޑް ސާވިސަސްގެ މަގާމުގައި ވެސް މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަފިޒާ ވިދާޅުވީ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްއަކީ ވެސް ގާނޫނު ލާޒިމުކުރާ މަގާމެއް ކަމަށާއި އެމަގާމުވެސް އުފައްދާފައި ނުވާ ކަމަށެވެ.

"އެއީ ރާއްޖޭގެ މުޅި ސިއްހީ ނިޒާމުގެ ކޮލިޓީ އާއި ސައްހަކަން ގާއިމުކޮށްދޭ، އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ގާއިމުކޮށްދީ އެކަން ދަމަހައްޓާ މީހާ، ކޮމިޝަނާ އަކީ ސިވިލް ސާވިސް މަގާމެއް ނޫން. ނަމަވެސް މިހާރު ވަނީ ސިވިލް ސާވިސް މަގާމެއްގެ ގޮތުގައި އެ މަގާމު އިއުލާންކޮށްފައި،" ހަފިޒާ ވިދާޅުވިއެވެ.

ތެލަސީމިއާ އާއި ލެއާ ގުޅުން ހުރި މައްސަލަތަކުގައި ކުޑަކުދިންނަށް ބޭސް ފަރުވާ ކުރުމުގައި ޒިންމާ ނަގަން ހުންނަ ހިމަޓޮލިޖިސްޓްގެ މަގާމުގައި ވެސް މީހަކު ނެތް ކަމަށާއި އެއީވެސް ގާނޫނު ލާޒިމުކުރާ މަގާމެއް ކަމަށް އޭނާ ވިދާޅުވިއެވެ

"މި މަގާމުތަކާ ނުލައި ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށެއް ނުދެވޭނެ،" ހަފީޒާ ވިދާޅުވިއެވެ.

ހަފީޒާ ވިދާޅުވީ ހެލްތު މިނިސްޓްރީގެ މަސައްކަތްތައް ހިންގުމަށް ހަދާފައިވާ ޕޮލިސީތަކާއި ގައިޑްލައިންތައް މިހާރު ވީތަނެއް އެނގޭ މީހަކު ނެތް ކަމަށެވެ.

"އެ މަސައްކަތްތައް ބަލާނެ މީހަކު ނެތުމުން މަސައްކަތުގެ ޒިންމާ ނުނެގުން އެކައުންޓިބިލިޓީއެއް ނެތް، މަސައްކަތުގެ ފުރިހަމަ ޒިންމާ ނުނެގުން، ބައެއް މުވައްޒިފުންގެ ފޭވާއަށް ބައެއް ކަންކަން އެއްކޮށް ދޫކޮށްލާފައި އޮންނަނީ. އެގްޒެކްޓިވް ލެވެލެއެއްގެ ބައްދަލުވުންތަކެއް މިނިސްޓްރީއަކު ނުބޭއްވޭ، މިނިސްޓަރު ސިޔާސީ ބޭފުޅުންނާ ވެސް މަހަކު އެއްފަހަރު ކީއްކުރަން ދެމަހުން އެއްފަހަރު ވެސް ބައްދަލެއް ނުކުރައްވާ، މަޝްވަރާކޮށް ކުރިއަކަށް ނުގެންދަވާ،" އޭނާ ވިދާޅުވިއެވެ.

ހަފީޒާ ވިދާޅުވީ ބަލިތަކަށް ފަރުވާ ކުރުމުގައި އަމަލު ކުރާ ނެޝަނަލް ގައިޑްލައިން އެއްގޮތަކަށްވެސް އަމަލު ނުކުރާ ކަމަށެވެ. އަދި ޑޮކްޓަރުންނަށް ތަމްރީން ދޭނެ އެއްވެސް މެކޭނިޒަމެއް ނެތް ކަމަށާއި ޑޮކްޓަރުންނަށް ވަޒީފާދީ ވަޒީފާއިން ވަކި ކުރުމުގައި ވެސް އޮންނަނީ ހިތަށް އެރި ގޮތަކަށް އަމަލު ކުރާ އުސޫލު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.