މިއަހަރު ގައުމީ އިނާމަށް އެދި ނަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓު 13 ކަމަށްވާ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 02:00 އެވެ.

މިއަހަރުވެސް ގައުމީ އިނާމު ދިނުމަށް ހަމަޖައްސާފައިވަނީ މައިގަނޑު 33 ދާއިރާއަކުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އެގޮތުން މިއަހަރުވެސް ސަރުކާރުގެ މިނިސްޓްރީތަކުގެ އިތުރުންވެސް އެހެނިހެން މުއައްސަސާތަކުން މި ދާއިތާރަކުގެ ރޮނގުތަކާ ގުޅޭގޮތުން ހޯދައި ގެންނަން ޖެހޭ ބަދަލުތައް ގައުމީ އިނާމާއި ބެހޭ ކޮމިޓީން ގެނައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިއާއެކު އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް ގައުމީ އިނާމަށް އަމިއްލައަށް އެދުމުގެ ފުރުސަތު، އެހެން މީހެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު އަދި ކުންފުންޏެއް ނުވަތަ ޖަމިއްޔާއެއް ފަދަ ތަންތަނުން ސަރުކާރު އިދާރާއެއް މެދުވެރި ނުކޮށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެގޮތުން ގައުމީ އިނާމަށް ވަކިވަކި ފަރުދުން ގެ ނަން ހުށަހެޅުމަށް ވަކި ފޯމެއް އަދި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ވަކި ފޯމެއް ކަނޑައަޅާފައިވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ފޮނުއްވަން ޖެހޭނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް ރައީސް އޮފީހަށް ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ. އަދި ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރާނެ ކަމަށާއި، މި ފޯމު އެއޮފީހުގެ ވެބްސައިޓު www.presidencymaldives.gov.mv އިންވެސް ޑައުންލޯޑު ކުރެވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

1979 ވަނަ އަހަރު ގައުމީ އިނާމު ދެއްވަން އޭރުގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށްޓެވިއިރު، މި އިނާމު ދެއްވަމުން ގެންދަވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. އަދި ފަހުން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމު ދެއްވާގޮތަށް ހަމަޖެއްސެވިއެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ގައުމީ ދުވަހުގެ އިނާމު ގައުމީ ދުވަހު ދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސަވާފައެވެ.