ފިޑޭ އޮންލައިން އޮލިމްޕިއާޑްގައި ރާއްޖޭއިން 12 ކުޅުންތެރިން ބައިވެރިވެއްޖެ އެވެ.
މި މުބާރާތުގެ ކުޅުން ފަށައިފައިވާއިރު، ރާއްޖެއިން ބައިވެރިވެފައިވަނީ ހަ ކުޅުންތެރިންނާއެކު ރިޒާވް ހަ ކުޅުންތެރިންނެވެ. ޓީމްގައި އޯޕަން ދެ ކުޅުންތެރިން، އަންހެން ދެ ކުޅުންތެރިން އަދި 20 އަހަރުން ދަށުގެ ފިރިހެން ކުޅުންތެރިއަކާއި އަންހެންކުޅުންތެރިއަކު ހިމެނިފައި ވެއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފަސް ޑިވިޝަަކަށް ބަހައިލައިގެންނެވެ. ހަތަރު ވަނަ ޑިވަޝަންގައި ރާއްޖެ ކޮލިފައި ވެފައި ވާއިރު، ރާއްޖޭގެ އިތުރުން މި ޑިވިޝަންގައި ޖުމުލަ 50 ޓީމް ވަނީ ހިމެނިފައެވެ. ޖުމުލަ ނުވަ ރައުންޑް މި ޑިވަޝަންގައި ކުޅެފައިވާއިރު ދިވެހި ރާއްޖެވަނީ ރޭންކުގެ 43 ވަނާގައި ހިމެނިފައެވެ.
މި މުބާރާތަކީ ވޯލްޑް ޗެސް ފެޑެރޭޝަން (ފިޑޭ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ވޯލްޑް ޗެސް ފެޑެރޭޝަން އަކީ ޗެސް ގެ ގަވަނިން ބޮޑީއެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗެސް ކުޅެމުން އަންއިރު ފިޑޭއާއި ގުޅިގެން 190 ގައުމަކުން އަންނަނީ މި ކުޅިވަރު ކުރިއަރުވަމުންނެވެ.
އޮލިމްޕިއާޑް ކުޅުމާއެކު ދިވެހިރާއްޖެ މިހާރު ވަނީ ވޯލްޑް ރޭންކިން ލިސްޓުގައި 167 އިން 150 ވަނައަށް ކުރިއަށް ޖެހިފައެވެ. ފުޓްބޯޅަ ފަދަ ރާއްޖޭގައި ކުރިއަރައިފައިވާ ކުޅިވަރުތައް ވޯލްޑް ރޭންކިންގެ 155 ވަނައިގައި އޮތްއިރު މިއީ 17 ދަރަޖައިގެ ކުރިއެރުމެކެވެ.
މިއީ ދިވެހިރާއްޖެއަށާއި، ޗެސް އެސޯސިއޭޝަން އަދި ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމާއި މި ކާމިޔާބީ އަކީ މުޅި ޗެސް ކޮމިއުނިޓީއަށް ލިބުނު ވަރަށް ބޮޑު ފަހުރެއްކަން ޗެސް އެސޯސިއޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު