ލަންކާގެ ޖަލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ބުޅާ ފިލައިފިއެވެ.

ލަންކާގެ ކޮލަމްބޯ މެގަޒިން ޕްރިޒަންގެ އޮފިޝަލަކު ވަނީ ބުޅާ ފެނިފައިވަނީ ހެރޮއިން ޖަލަށް އެތެރެކުރަން މަސައްކަތް ކުރަނިކޮށް ކަމަށް ވިދާޅުވެފައެވެ. ޖަލުގެ އޮފިޝަލުވަނީ ހެރޮއިން ފެނިފައިވަނީ އެބުޅަލުގެ ކަރުގައި އައްސާފައިވާ ކުޑަ ޕެކެޓެއްގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.

ތަހުގީގު ކުރުމަށް ބުޅާ ބަންދު ކޮށްފައި ވަނިކޮށް ފިލައިފައިވާއިރު ލަންކާގެ ފުލުހުން ވަނީ މިކަމާމެދު އެއްވެސް ކޮމެންޓެއް ދެވެން ނެތް ކަމަށް ބުނެފައެވެ.

މި ބުޅާ ހައްޔަރު ކުރިއިރު ބުޅަލުގެ ކަރުގައި އައްސައިފައިވާ ކޮތަޅުން ދެ ގްރާމްގެ ހެރޮއިން އާއި ދެ ސިމްކާޑުގެ އިތުރުން މެމޮރީ ކާޑެއްވެސް ފެނިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މިދިޔަ ހަފްތާގައި ބާޒެއް ބޭނުންކޮށްގެން ލަންކާގެ ޖަލަކަށް މަސްތުވާތަކެތި އެތެރެކުރަށް އުޅުބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.