ގަސްދުގައި ކުޅުންތެރިންނާއި އޮފިޝަލުންގެ މޫނަށް ކެއްސައި ނުވަތަ ކުޅު ޖަހައިފި ނަމަ ރަތް ކާޑު ދެއްކޭ ގޮތަށް އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ގަވައިދު ބަދަލުކޮށް ފާސްކޮށްފިއެވެ.

މި ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ. މި ބަދަލު ގެނެސްފައި މިވަނީ ކޮވިޑް 19 އާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުންނެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ ކުޅިވަރު މުބާރާތްތައް ތިން މަސްދުވަހަށް މެދުކަނޑާލުމަށްފަހު އަލުން ފަށާފައިވާ އިރު، ބޮޑެތި ބަދަލުތަކެއް ގެނެސް ގިނަ ލުއިތަކެއްވެސް ވަނީ ދީފައެވެ. އެގޮތުން މެޗުތަކުގައި ފަސް ބަދަލު ކުރެވޭ ގޮތަށް ބަދަލުކޮށްފައިވާ އިރު، ކޮންމެ މެޗެއްގައި ވެސް ދެ ފަހަރަށް ކޫލިން ބްރޭކެއް ވެސް ދޭން ވަނީ ފަށައިފައެވެ. މި ގެނައި ބަދަލުތައް ކުރިއަށް އޮތް ސީޒަނުގައިވެސް ދަމަހައްޓަން ގައުމުތަކުގެ އެސޯސިއޭޝަންތަކާއި ފެޑަރޭޝަންތަކުން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ކުޅުންތެރިންގެ ރައްކާތެރިކަމަށްޓަކައި ގައިދުރުކުރުމާއި ޕްރެކްޓިސްތައް ކުރުމުގައި ގްރޫޕުތައް ވަކިވަކިން ތަމްރީން ކުރުމުގެ އިތުރުން މެޗުތައް ކުޅޭ އިރު ސަޕޯޓަރުން ވެސް ނުވައްދަން ވަނީ ނިންމައިފައެވެ.

ގަސްދުގައި ކުޅުންތެރިއެއް ނުވަތަ އޮފިޝަލެއް ގަޔަށް ކެއްސުމަކީ ކުށެއް ކަމަށް ހަދާފައިވާ އިރު، އެ ގަވައިދު ވަންނާނީ ހުތުރު ބަހުން މުހާތަބު ކުރުމުން އަދަބު ލިބޭ ކެޓަގަރީއަށެވެ. މި ގަވައިދު ރަސްމީކޮށް ބަލައިގަންނާނީ މި މަހުގެ ހަ ވަނަ ދުވަހު އިނގިރޭސި ޓޮޕް 20 ކުލަބުގެ މެނޭޖްމެންޓާއެކު ބާއްވާ ބައްދަލުވުމަށްފަހު ކަމަށް އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.