ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން އިއްޔެ ނެރުނު ނޫސްބަޔާނަށް ރައްދު ދީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް އެމަނިކުފާނާ ސީދާ ބައްދަލުވުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ބުނެ ވަކީލުންގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް 19އާ ގުޅިގެން ކަމަށް ބަޔާންކޮށް، މިއަހަރުގެ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީނަށް ގާނޫނީ ވަކީލުންނާ ބައްދަލުކޮށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަންސް އިން ހުރަސް އަޅަމުންދާ ކަމަށެވެ.

މިމަހުގެ އަށްވަނަ ދުވަހު ރައީސް ޔާމީން ހައި ކޯޓަށް ހާޒިރުކޮށް ބޭއްވި އިސްތިއުނާފުގެ އަޑުއެހުމުގައި ރައީސް ޔާމީން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރަން ބޭނުންފުޅުވާތީ އެކަން ހުށަހެޅުއްވުމުން ވަކީލުންނާ ސީދާ ބައްދަލުކުރެވޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ހައިކޯޓުން ދައުލަތަށް ވަނީ އަންގައިފައެވެ.

ރައީސް ޔާމީންގެ ވަކީލުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ އަޑުއެހުމަށްފަހު ޖުލައި 14 ވަނަ ދުވަހު ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބަޔާންކޮށް ވަކީލުންނަށް ކަރެކްޝަންސް އިން ސިޓީއެއް ފޮނުވި ކަމަށާއި ނަމަވެސް ވަކީލު ބައްދަލުވުމަށް އެދޭ ފޯމު މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޔާމީނާ ސީދާ ގާތުން ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އަންގައި ވަކީލު ބައްދަލުވުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ކަރެކްޝަންސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ސާވިސްއިން އިސްވެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް ފޮނުވި ސިޓީގައި ބައްދަލުވުމަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބައްދަލުވުން ހަމަޖައްސައިދޭނެ ކަމަށް ސާފުކޮށް ދަންނަވާފައިވާނެ ކަމަށެވެ. އެގޮތުން ވަކީލު ބައްދަލުވުމަށާއި އެހެނިހެން ބައްދަލުވުންތަކަށް އެދޭ ފޯމުތައް މި ހާލަތުގައި އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ފޮނުވުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ބައްދަލުވުމެއް އިންތިޒާމުކޮށްދޭނެ ވާހަކަ އާއި އެކަމާ ގުޅޭ މައުލޫމާތު ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ހިއްސާ ކޮށްފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

"އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުންގެ ފަރާތުން މާލޭ ޖަލަށް ހުށަހެޅި ފޯމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ އިރުޝާދު މާލޭ ޖަލުން ވަކީލުންނަށް ދީފައިވާނެއެވެ. ނަމަވެސް، މާލޭ ޖަލުން ދީފައިވާ އިރުޝާދަށް އަމަލުނުކޮށް، ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ އެކަމާ މެދު ކަންބޮޑުވާ ކަމަކެވެ..،" ކަރެކްޝަންސްގެ ބަޔާނުގައިވެއެވެ.

ކަރެކްޝަންއިން މިއަދު ނެރުނު ބަޔާނަށް ރައްދު ދީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކަރެކްޝަންގެ ނޫސްބަޔާނުގައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް ޔާމީންއާ ބައްދަލުކުރުމަށް ފޯމު ހުށަހެޅުމަށް އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ދިއުމުން ވެސް މާލޭ ޖަލުން މައުލޫމާތުދީފައިވަނީ ރައީސް ޔާމީންއާ ބައްދަލުކުރެވޭނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، ކޮވިޑު 19އާ ގުޅިގެން ސީދާކޮށް ގާތުން ބައްދަލުކުރުމުގެ އެއްވެސް އުސޫލެއް އަދި އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށެވެ. އެއްވެސް ހާލެއްގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅައިފިނަމަ ސީދާކޮށް ގާތުން ބައްދަލުކުރެވޭނޭ އިންތިޒާމު ހަމަޖެހޭނެ ކަމަކަށް ބަޔާންކޮށް އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށް ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ކަރެކްޝަނުން ބަޔާން ނެރެ، އެ ސާވިސްގެ ރަސްމީ ޓުވިޓާއިން ޓުވީޓުކޮށްފައިވަނީ މިއަދުގެ ރަސްމީ ގަޑި ނިމުމަށް ކުޑަތަން ވެފައި ވަނިކޮށް ކަމަށާއި އެކަމުންވެސް ކަރެކްޝަންގެ ނުރަނގަޅު ނިޔަތް އޮތް މިންވަރު ހާމަވެގެންދާ ކަމަށެވެ.

"..، އަދި ކުރިއަށް އޮތީ ބަރަކާތްތެރި ހައްޖު ދުވަހާއި އަލްހާ އީދު ދުވަހާ ގުޅޭ ދިގު ބަންދެއް ކަމަށްވާއިރު ރަސްމީ ގަޑި ނިމުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ނޫސް ބަޔާން ނެރުއްވުމުން ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނުރަނގަޅު ނިޔަތް އޮތް މިންވަރު ހާމަވެގެންދާކަމުގައި ދަންނަވަމެވެ..،" ވަކީލުންގެ ބަޔާނުގައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މާލޭ ޖަލުން ވަކި ޖަވާބެއް ދޭއިރު، އެ ޖަވާބާ ކަނޑައެޅިގެން ފުށޫއަރާ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މުޅިން އެހެން ވާހަކަތަކެއް ދައްކާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ހިންގައި ކޮންޓްރޯލް ކުރަނީ އެ ސާވިސްއިންތޯ ނުވަތަ އެހެން ފަރާތަކުންތޯ ސުވާލު އުފެދޭކަމުގައި ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.