އިންޑީއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް ސްކީމް (އެޗްއައިސީޕީޑީ)ގެ ނުވަ މަޝްރޫއުއަށް ބޭނުންވާ 85 މިލިއަން ރުފިޔާ އިންޑިއާއިން ދީފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި 85 މިލިއަން ރުފިޔާގެ ޗެކް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުއާ ހަވާލުކޮށްދެއްވީ އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންނާއި ހޯރަފުށީގެ މަޖިލިސް މެންބަރު ބައިވެރިވެވަޑައިގެންފައިވެއެވެ.

އެޗްއައިސީޕީޑީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރު މާރިޗް މަހުގައި އިންޑިއާގެ އޭރުގެ އެކްސްޓާނަލް އެޕެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އެޗްއައިސީޕީޑީ ސްކީމްގެ ދަށުން ހިންގާ މަޝްރޫއުތަކަކީ އައްޑޫ ސިޓީގެ ފޭދޫއާ މީދޫ އަދި ހިތަދޫގައި ގޭދޮށު މަސް ފެކްޓަރީ ގާއިމްކުރުމާއި ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫގައި އައްޑޫ ޓޫރިޒަމްގެ ފަސް ޒޯން ގާއިމުކުރުމާއި ހއ. ހޯރަފުށީގައި ބޯފެން ބަންދުކުރާ ޕްލާންޓެއް ގާއިމުކުރުމެވެ. މި ހުރިހާ މަޝްރޫއެއް ހިންގުމަށް މިހާރު ވަނީ ހަވާލުކުރެވި އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓްތައް މިހާރު ހަވާލުކުރެވިފައިވާ ކަމަށާއި މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ތަރައްގީ ގެނައުން ކަމަށާއި މި ޕްރޮޖެކްޓްތަކުން އެކަމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި މަޝްރޫއުތަކަކީ ކުދި މަޝްރޫއުތަކެއް ނަމަވެސް އިންޑިއާގެ އެހީތެރިކަމާއެކު ބޮޑެތި އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން އިންފްރާސްޓްރަކްޗާގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާ އަދި ރާއްޖެ ގުޅިގެން ދެމެހެއްޓެނިވި ތަރައްގީގެ އެތައް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އިންޑިއާއިން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

އެގޮތުން ބޮޑެތި މަޝްރޫއުތަށް ހިންގުމަށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ގާއިމުކޮށްދިނުމާއި ކުދި މަޝްރޫއުތައް ހިންގުމަށް ގިނަ އަދަދެއްގެ ގްރާންޓް ފޯރުކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.