އޭޝިއަން ޗެސް ފެޑެރޭޝަން (އޭ.ސީ.އެފް) އިން އިންތިޒާމްކޮށް، ވުމަން ޗެސް (ޑަބްލިއު.އޯ.އެމް) އަދި ފިޑޭ ޑިވެލޮޕްމަންޓް ފަންޑް ސަޕޯޓް އާއި ގުޅިގެން ހިންގާ އޭޝިއަން އޮންލައިން ޗެސް ކޭމްޕް ފޯ ގާރލްސް އަންޑާ 20 ގައި ބައިވެރިވުމަށް ރާއްޖޭގެ ނެޝަނަލް އަންހެން ޓީމްގެ 2 ވަނަ ހާސިލް ކޮށްފައިވާ މަރިޔަމް ލައިސާ އަބްދުލްރަޝީދު (ބްލިސް / ހދ.ހަނިމާދޫ) އަށް ފުރުސަތު ލިބިއްޖެއެވެ

ލައިސާ އަކީ ތާޖުއްދީން ސްކޫލް ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. މި ކޭމްޕް އޮންނާނީ އަންނަ މަހު 1 އިން 20 ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ފުރުސަތު ލިބިފައިވަނީ އޭޝިޔާގެ ގައުމުތަކުން، ކޮންމެ ގައުމަކުން 20 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކަށެވެ.

ޒޫމް މެދުވެރިކޮށް ބާއްވާ މި ކޭމްޕްގައި ޓްރެއިނަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ މުޅި ދުނިޔޭގައިވެސް އެންމެ ފުންނާބު އުސް ޓްރެއިނަރުންނެވެ. ޓްރެއިނަރުންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންގެ ތެރޭގައި ދުނިޔޭގެ ވޯލްޑް ޗެމްޕިއަން ގްރޭންޑް މާސްޓަރ އާނަންދް ވިޝްވަނާތަން (އާނަންދު)، ގްރޭންޑް މާސްޓަރ ޖުޑިތު ޕޮލްގަރ، އަދި ގްރޭންޑް މާސްޓަރ ޖޭކޮބް އާގާޑް ފަދަ ބޭފުޅުން ހިމެނެއެވެ.

މީގެ އިތުރުން މިމަހުގެ 31 އިން އަންނަ މަހުގެ ދެއަކަށް އޮންނަ އޮންލައިން ޗެސް އޮލިމްޕިއާޑްގައި ބައިވެރިވުމަށް ދިވެހި ޓީމު އަންނަނީ ތައްޔާރުވަމުންނެވެ. މި މުބާރާތުގައި ދިވެހިރާއްޖޭގެ ނެޝަނަލް ޗެސް ޓީމް ވަނީ މިހާރުވެސް ކެޓެގަރީ ހަތަރަކަށް ކޮލިފައި ވެ ކުރިއެރުންތަކެއް ހޯދައިފައެވެ.