ޚަބަރު

ރާއްޖޭގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެންމެ ގިނަ ކައިވެނިކޮށްދިނީ މިއަދު

އަލީ ޔާމިން

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި އަގުދުކޮށްދޭން ފެށި ފަހުން އެންމެ ގިނަ ކައިވެނި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްފައިވަނީ މިއަދު ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު 42 ކައިވެނި އަގުދު ކޮށްދެވުނު ކަމަށެވެ.

"މިއީ ފެމިލީ ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދޭން ފެށިފަހުން، މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ކައިވެނި އަގުދު ކޮށްދެވުނު ދުވަސް،" ފެމިލީ ކޯޓުން ބުނެފައިވެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދޭން ފަށާފައިވަނީ މިއަހަރުގެ މާޗު ހަވަނަ ދުވަހުއެވެ. ފެމިލީ ކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމުގެ އުސޫލެއްވެސް އެކުލަވާލައިފައެވެ.

ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ހަދާފައިވާ އުސޫލުގައި ބުނެފައިވާގޮތުގައި، އެފަދަ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖިލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާއެވެ. އެގޮތުން ކައިވެނީގެ މަޖިލިސް ބޭއްވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ވީޑީއޯ ކޮންފަރެންސް ބާއްވަން ހަމަޖައްސާފައިވާ އޮންލައިން ޕްލެޓްފޯމަށް ލޮގިން ވާން ޖެހޭނެ ކަމަށް އެކޯޓުން ބުނެއެވެ.

މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވާ ގޮތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހެއެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާން ޖެހޭ މީހުން ހާޒިރުވެ ތިބިކަމާއި ހާޒިރުވާން ޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފެމިލީ ކޯޓުން މިގޮތަށް ކައިވެނިކޮށްދިން ކަމުގައި ވިޔަސް، ކައިވެނީގެ މަޖިލިސް ފަށާނީ އާންމު އުސޫލުން ކަމަށާއި އެގޮތުން ކައިވެނީގެ ހުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފިން" ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ވެސް ޖެހެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގައި، ކައިވެނިކުރާ މީހުންނަށް ކޯޓުން ދޭނީ ހާއްސަ ނަމްބަރެއް ޖަހާފައިވާ ވަގުތީ ލިޔުމެކެވެ. އެ ލިޔުން ފޮނުވާނީ މެއިލް ނުވަތަ ސޯޝަލް މީޑިއާ ވަސީލަތެއް މެދުވެރިކޮށް ކަމަށް އެކޯޓުން ވަނީ ބުނެފައެވެ.