އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެމްޑީޕީއަށް ލިބޭ ފައިސާ ދާއިރާތަކަށް ދޫކުރުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ، ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ މާލިއްޔަތު އަދި ޗަންދާ ކޮމިޓީން ވަނީ ދާއިރާތަކަށް ފައިސާ ދޫކުރުމުގެ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު ހުށަހަޅައިފައެވެ.

ފައިސާ ދޫކުރުމުގެ ރިޕޯޓަށް ތިން އިސްލާހެއް މެންބަރުން ހުށަހެޅުއްވިއެވެ. އެގޮތުން ފުރަތަމަ އިސްލާހަކީ ބިލެއްދޫ ދާއިރާގެ ދާއިރާގެ ރައީސް އަހުމަދު ހަމްޒާ ހުށަހަޅުއްވާފައިވާ އިސްލާހެކެވެ. އެ އިސްލާހުގައި ބުނީ، ދައުލަތުން ޕާޓީއަށް ލިބޭ ފައިސާގެ 50 އިންސައްތަ ދާއިރާތަކަށް ބެހުމުން، އެ ދާއިރާއަކަށް ލިބޭ ފައިސާއިން ދާއިރާގެ ރަށްރަށަށް ހަރަދު ކުރުމުގައި ރަށްރަށަށް ހަމަހަމަކޮށް 50 އިންސައްތަ އަދި ރަށްރަށުގެ މެންބަރުންގެ ނިސްބަތުން 50 އިންސައްތަ ދޭން ޖެހޭނެ ކަމަށެވެ.

ދެވަނަ އިސްލާހަކީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހުގައިވަނީ، ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާ ދާއިރާތަކަށް ދޫކުރުމާއި ޕާޓީން ކޮންމެ ދާއިރާއެއްގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ބޭންކް އެކައުންޓެއް ހުޅުވައި އެ އެކައުންޓަށް ޖަމާކުރަން ޖެހޭނެ ކަމަށެވެ. އަދި އެ އެކައުންޓު ހުޅުވުމުގައި ޕާޓީން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ތިންވަނަ އިސްލާހު ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންއެވެ. އެ އިސްލާހުގައި ބުނީ، ދާއިރާތަކަށް ފައިސާ ދޫކުރަން ޖެހޭނީ އެމްޑީޕީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ ރަށްތަކުން ނުވަތަ ދާއިރާތަކުން އަމަލުކުރޭތޯ ބެލުމަށްފަހު ކަމަށެވެ.

އެ ތިން އިސްލާހުގެ ތެރެއިން ފާސްވެގެން ގޮސްފައިވަނީ މެންބަރު އިކްރާމް ހުށަހެޅުއްވި އިސްލާހާއި މެންބަރު ނިހާދު ހުށަހެޅުއްވި އިސްލާހެވެ. އެ އިސްލާހުތަކާއެކު މުޅި ރިޕޯޓު ފާސްވެގެން ގޮސްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ.