ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް އާރުއައިއެކްސް (ރިޒް) ކުންފުންޏަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން އަންގައިފިއެވެ.

ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއަށް އެޑްރެސްކޮށް ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ލީގަލް އޮފިސަރު މަރިޔަމް ސާހަތު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ބޮޑުފިނޮޅުގައި ހަޅުތާލު ހިންގިއިރު ތިބި، 179 ބިދޭސީންނަށް ނުދެވިވާ މުސާރަ ދީ ނިންމުމަށްފަހު، އެކަން ކަށަވަރުކުރެވޭނެ ލިޔުން މިމަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އޮތީރިޓީއަށް ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ސިޓީގައި ބުނެފައިވަނީ ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންތަކެއް މުސާރަ ނުލިބިގެން ކުރި މުޒާހަރާއާ ގުޅިގެން އެ އޮތޯރިޓީން ހާއްސަ އިސްކަމެއްދީގެން އެ މައްސަލަ ބަލަމުންދިޔަ ކަމަށާއި އެގޮތުން ފުލުހުންގެ އެދުމުގެ މަތިން މިމަހުގެ ހަތަރުވަނަ ދުވަހު އެ އޮތޯރިޓީގެ ވަޒީފާއާ ބެހޭ ދެ އޮފިސަރަކު ބޮޑުފިނޮޅަށް ގޮސް، ބިދޭސީންގެ މުސާރައާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެދުވަހު ބޮޑުފިނޮޅުގައި ހުރި ރިޒް ކުންފުނީގެ ގާނޫނީ ވަކީލު އަލީ ސައީދުއާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

"ބޮޑުފިނޮޅުގައި ތިބި އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުންނާއި، ބޮޑުފިނޮޅު ހޮޓެލް އެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ފިޔަވައި ދެން ތިބި ބިދޭސީންނަކީ އެކިއެކި ކުންފުނިތަކުގެ ނަމުގައި ރާއްޖޭގެ ވަޒީފާތަކަށް އައިސް، ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންނެވެ..،" އެ ސިޓީގައި ބުނެފައިވެއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ސިޓީގައި ބުނެފައިވަނީ ހަޅުތާލު ހިންގިއިރު، ބޮޑުފިނޮޅުގައި ތިބި ހުރިހާ ބިދޭސިން ވެސް އެމީހުންނަށް ވަޒީފާ ދީގެން ގެންގުޅެނީ ރިޒް ކުންފުނިން ކަމަށް ބުނެފައިވާ ކަމަށާއި މުވައްޒަފުންގެ މަސައްކަތައް ކަނޑައެޅުމާއި އެ މުވައްޒަފުންނަށް ދޭނެ މުސާރަ ކަނޑައަޅަނީ ރިޒް ކުންފުނިން ކަމަށް ކުންފުނީގެ ވަކީލު ވިދާޅުވެފައިވާ ކަމަށެވެ. އަދި ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރިޒް ކުންފުންޏާ ދެމެދު ބަދަލުކުރެވިފައިވާ ލިޔުންތަކަށް ބަލާ އިރުވެސް ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަކީ ރިޒް ކުންފުނިން މުސާރަދެމުން އަންނަ ބިދޭސީން ކަމަށް ސިޓީގައި ބުނެފައިވެއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން އަންގާ އެންގުންތަކަށް އަމަލުނުކުރާނަމަ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަން ވެސް ރިޒް ކުންފުންޏަށް ވަނީ އަންގައިފައެވެ.

މިމަހުގެ ދެވަނަ ދުވަހު ބޮޑުފިނޮޅުގައި މަސައްކަތްކުރާ މުވައްޒަފުން ހަމަނުޖެހުން ހިންގާފައިވަނީ އެމީހުންގެ މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވެފައި ވާތީ ކަމަށް އެމީހުން ބުނެއެވެ. އެ ރުޅިވެރިކަމުގައި އިހުތިޖާޖުކޮށް، އެރަށުގައި ތިބި 13 ދިވެހިން ވެސް ވަނީ ރަހީނުކޮށްފައެވެ. އަދި ރަށުގެ އަގުބޮޑު މުދަލަށާއި އެކޮމަޑޭޝަން ބްލޮކްގެ ރޫމްތަކަށާއި އޮފީސް ބަޔަށް ވަނީ ވަރަށް ބޮޑަށް ގެއްލުންދީފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުރަތަމަ އެރަށަށް ދިޔައީ ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކަމަށެވެ.

ނަމަވެސް ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދެއްކުމުން އިތުރު ފުލުހުންނާއެކު މިމަހުގެ ދެވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިޔަ ކަމަށާއި އެމީހުން ދިއުމުން ފުލުހުންނާ ދިމާއަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދި ކަމަށެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ބުންޏެވެ.