ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލާފައިވާނީ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން އަމަލުނުކުރުމުގެ ސަބަބުން ކަމަށްވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އަންގަވައިފިއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބަޖާއާއެކު ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ނަމަވެސް ބަދަލުގެ ގޮތުގައި ދީބަޖާއަށް ދޭން ޖެހޭ ފައިސާގެ އަދަދު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެ މައްސަލައިގައި މެދު މިނުގެ ހައްލެއް ހޯދުމަށް ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދީބާޖާއާއެކު ސަރުކާރުން މަޝްވަރާކުރުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. ނަމަވެސް އެ ނިންމުމާ އެއްގޮތަށް ދީބަޖާއަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ.

އެ ފައިސާ ދޫކުރުން މަޑުޖެހިފައި އޮތީ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅި ދީބަޖާއަށް ބަދަލުދޭން ކުރި ހުކުމް އެއްކޮށް ރިވިއު ކުރަން ހުށަހަޅަން ބަންޑާރަ ނައިބު އޮފީހުގައި އެދެން ފާސްކުރުމާ ގުޅިގެންނެވެ.

އެ މައްސަލަ ބެލުމަށް ފަހު، އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ރިޕޯޓްގައި ބުނީ އެ ކުންފުންޏާއެކު ފެބްރުއަރީ 1، 2010 ގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީން މެއި 30، 2013 ގައި ބާތިލުކޮށްފައިވަނީ ދީބާޖާ އިން އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްނުދޭތީ ކަމަށާއި އެހެންކަމުން ބަދަލުގެ ގޮތުގައި އެކުންފުންޏަށް އެއްވެސް ފައިސާއެއް ދޭން ނުޖެހޭނެ ކަމަށެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ދީބާޖާއާއެކު ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ރ. ކުޑަކުރަތު ދޫކޮށްފައިވަނީ ހިދުމަތްތައް ސަބްސިޑައިޒް ކުރުމުގެ ގޮތުން ކަމަށާއި އެ ރަށް ދިނީ ދަތުރުފަތުރުގެ އެއްބަސްވުން އުވައިލުމުން އެ ރަށް އަނބުރާ ސަރުކާރާ ހަވާލުކުރަންޖެހޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ބުނީ، ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް މީހުން ދިރިނޫޅޭ ރަށަކުން 15 ހެކްޓަރުގެ ބިން ދީބާޖާއަށް ދިނުމަށް ހަމަޖައްސާފައިވީ ނަމަވެސް މެއި 5، 2010 ގައި ސޮއިކުރި ލީސް އެގްރިމެންޓްގެ ދަށުން ދީބާޖާއަށް ކުޑަކުރަތު ދޫކޮށްފައިވަނީ އެ ރަށުގެ މުޅި ބިމާއި ފަޅު ހިމެނޭ ގޮތަށް 37.6 ހެކްޓަރުގެ ބިން ކަމަށާއި އެގޮތުން ރިސޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގެ ދަށުން ދީބާޖާއަށް ދިނުމަށް ކަނޑައެޅި ސައިޒަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ދޫކޮށްފައިވާތީ، މިއީ އެއްބަސްވުމުގައި ނުހިމެނޭ އިތުރު މަންފާތަކެއް ކަމަށް ތުހުމަތުކޮށް އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށްވެސް އެ ރިޕޯޓުގައިވަނީ ގޮވާލައިފައެވެ.

ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ.