އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 1-0 އިން މޮޅުވެ އެސްޓަން ވިލާ އިން ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދު އާ ކޮށްފި އެވެ.

ރޭގެ މެޗްގެ ފެނިގެންދިޔަ ހަމަ އެކަނި ގޯލް މެޗްގެ 27 ވަނަ މިނިޓްގައި ވިލާ އަށް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މަހުމޫދު ޓްރެޒެގޭ އެވެ. ކޯނަރަކުން އައި ބޯޅައެއް ޓައިރަން މިންގްސް ބޮލުން ޖައްސައިލުމުން އޭރިއާ ތެރޭގައި ހުރި ޓްރެޒެގޭ އަށް ލިބުމާ އެކު އޭނާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރޭގެ މެޗްގެ ދެވަނަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެޓީމަށްވެސް ލިބުނެވެ. ނަމަވެސް މެޗް ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ދެ ވަނަ ހާފުގައި އާސެނަލަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ޒުވާން ފޯވާޑް އެޑީ އެންކެޓިއޭ އެވެ. އޭނާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އާސެނަލުން އެފްއޭ ކަޕް ސެމީ ފައިނަލުން ސިޓީ ކަޓުވައިލިއިރު ދެއްކި ފަދަ ކުޅުމެއް ރޭގެ މެޗުގައި އާސެނަލަށް ދެއްކިފައެއް ނުވެއެވެ. ރޭގެ ބައްޔަކީ 1998 ވަނަ އަހަރަށް ފަހު ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އާސެނަލް 10 މެޗުން ޖެހިޖެހިގެން ބަލިވި ތިން ވަނަ އަހަރެވެ.

މިނަތީޖާއާ އެކު އާސެނަލް 53 ޕޮއިންޓާއި އެކު 10 ވަނައިގައި އޮތް އިރު އެސްޓަންވިލާ ވަނީ ރޭގެ މެޗުން މޮޅުވެ 34 ޕޮއިންޓް ހޯދައި ތާވަލުގެ 17 ވަނަ އަށް ޖެހިލާފައެވެ. އެސްޓަން ވިލާގެ ފަހަތުން އޮތް ވަޓްފޯޑަށް ވެސް 34 ޕޮއިންޓް ލިބިފައިވާ އިރު އެސްޓަން ވިލާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.