ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ތިން ލީގު ކަމަށްވާ ސްޕެނިޝް ލީގާއި، އިންގްލިޝް ޕްރިމިއާ ލީގުގެ އިތުރުން އިޓާލިއަން ލީގުގައި ކޮންމެ ލީގަކުން 50 ގޯލް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ލާޒިއޯ އާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 2-1 ގެ ނަތީޖާ އަކުން ޔުވެންޓަސް މޮޅުވެގެންނެވެ. މި މެޗްގައި ޔުވެންޓަސް އިން ޖެހި ދެ ގޯލްވެސް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ މި ރިކޯޑް ހަދާފައިވަނީ ރޭގެ މެޗްގައި އޭނާ ޖެހި ފުރަތަމަ ގޯލާ އެކު އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ގޯލާއި އެކު އެނާ ކުޅުނު ތިން ލީގުގެ ކޮންމެ ލީގެއްގައި 50 ގޯލް ހަމަކޮށްފައިވާއިރު އޭނާ ވަނީ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑަށް ކުޅުނު 292 މެޗްގައި ވަނީ 311 ގޯލް ޖަހައިފަ އެވެ. އޭގެ ކުރިން އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު 196 މެޗްގައި 84 ގޯލް ޖަހާފައިވާއިރު މިހާރު އޭނާ ކުޅެމުން އަންނަ އިޓާލިއަން ލީގުގައި ޔުވެންޓަސްއަށް 2018 ވަނަ އަހަރު ބަދަލުވުމަށްފަހު މިހާތަނަށް އޭނާ ކުޅުނު 61 މެޗުން ވަނީ 51 ގޯލް ޖަހައިދީފައެވެ.

ރޭގެ މެޗްގައި ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލަކީ މެޗްގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ގޯލް އޭގެ ތިން މިނެޓް ފަހުން ރޮނާލްޑޯ ކާމިޔާބުކުރީ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ ދިން ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އެ މެޗްގައި ލާޒިއޯ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޓަލީގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ފޯވާޑް ޗީނޯ އިމޯބައިލް އެވެ.

މި ނަތީޖާ އާ އެކު ޓޭބަލްގެ އެއް ވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ޔުވެންޓަސް އަށް ވަނީ ލިބިފައެވެ. ލީގުގައި ޔުވެންޓަސް އަށް ބާކީ އަދި ހަތަރު މެޗް އޮތް އިރު ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށްޓަކައި އެ ޓީމަށް ދެން ބޭނުންވަނީ އެންމެ ހަތަރު ޕޮއިންޓެވެ.