ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ދިރާގުން ފަށައިފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބާ ކޭބަލެއް އަޅާފައިވާ ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ހިލޭ ގުޅައިދޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް ހިލޭ ރައުޓަރު ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ދިރާގު ފައިބާ ކޭބަލެއް ނެތް ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ކަނެކްޝަން ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 31ގެ ނިޔަލަށް ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިއީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކް ތަޖުރިބާކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި ވަކިން ހާއްސަކޮށް މިދުވަސްވަރަކީ ވަރަށް ބޮޑަށް އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާ ދުވަސްވަރެއް ކަމުގައިވުމުން، ދިރާގު ފައިބާ ނެޓްވޯކް ފަދަ އިތުބާރު އަދި ޒަމާނީ ހިދުމަތެއް ހެޔޮ އަގުގައި ހޯދުމަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން ކޮންމެހެންވެސް ހިފަންވާނެ ކަމަށެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އަދި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖުތަކެއް ހިމެނެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖު ވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުން ފޯރުކޮށްދެއެވެ.

ދިރާގުން ބުނީ އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖުތައް ހިމެނޭ ހިދުމަތް ކަމަށެވެ. އަދި ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯ ކަމަށާއި މިހާރުވެސް ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.