އޮކްސްފޯޑުން އުފައްދާ ކޮވިޑް ވެކްސިންގެ ޓެސްޓުތަކުގެ ނަތީޖާ ވަރަށް ކާމިޔާބު ކަމަށް އެޔުނިވާސިޓީން ބުނެފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީން ޓެސްޓު ކުރަމުން އަންނަ ކޮވިޑް ވެކްސިން މިހާތަނަށް 1077 މީހުންގެ ގަޔަށް ޖަހައި ޓެސްޓު ކޮށްފައިވާ އިރު، މި އެންމެންގެ ހަށިގަނޑުގައި ކޮވިޑްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ ކަމަށް ވެކްސިން ތައްޔާރު ކުރާ ޓީމުން މައުލޫމާތުދެއެވެ.

އެޓީމުން ބުނެފައިވަނީ މިހާތަނަށް ޓެސްޓުގައި ބައިވެރިވި މީހުންގެ ގައިން ވެކްސިން ޖެހުމުން އެންޓިބޮޑީ އާއި ޓީސެލް އުފެއްދުމުގެ މަސައްކަތްކޮށްދޭ ކަމަށެވެ.

ވެކްސިންގެ ނަތީޖާ ކިތަންމެ ރަނގަޅު ކަމަށް ދެއްކި ނަމަވެސް މި ޓީމުގެ އެންމެ ބޮޑު އެއް މަގުސަދަކީ އިންސާނުންގެ ގަޔަށް ޖެހުމަށް އެ ވެކްސިން ރައްކާތެރިކުރުމެވެ. މިހާރު ހަދާ ދިރާސާތަކުގައި ވެކްސިންގެ ސަބަބުން މީހުން ބަލިވުމުން ސަލާމަތް ކޮށްދޭނެ ކަމެއް ނުވަތަ އަލާމާތްތައް ފެނުން މަދުކޮށްދޭނެ ކަމެއް ނުފެންނާނެ ކަމަށް ޓީމުން ބުނެފައިވެއެވެ.

ވެކްސިން ޓެސްޓު ކުރުމުގެ ދެވަނަ ސްޓޭޖުގައި 10،000 އަށްވުރެ ގިނަ މީހުންގެ ގަޔަށް ޖަހާނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އޮކްސްފޯޑުން ވަނީ ވައިރަސް ޓެސްޓު ކުރުމަށް އެހެން ގައުމުތަކުގެ މީހުންނަށް ވެސް އެ ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ. އެގޮތުން އެމެރިކާގައި 30،000 އެއްހާ މީހުން ޓެސްޓުގައި ބޭނުން ކުރާއިރު ސައުތު އެފްރިކާގައި 2000 އަދި ބްރެޒިލް އިން 5000 މީހުން ޓެސްޓުތަކުގައި ބޭނުން ކުރުމަށް ވަނީ ނިންމައިފައެވެ.