ފާމަސޫޓިކަލް ދާއިރާއިން މަތީ ތައުލީމް ހާސިލުކުރުމަށް އެސްޓީއޯއިން ދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ، ފާމަސީ އެޑްވާންސް ކޯސް ލެވެލް 4، އެސްޓީއޯގެ ހަރަދުގައި ހެދުމަށް ބޭނުންވާ މީހުން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ސްކޮލާޝިޕަށް އެދޭ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އެސްޓީއޯގެ ސްކޮލާޝިޕަށް ކުރިމަތި ލެވޭނީ، ޖީސީއީ އޯލެވެލް/އެސްއެސްސީ އިމްތިހާނުން ބަޔޮލޮޖީ އަދި އިނގިރޭސި މާއްދާއިން ފާސްވެފައިވާ ނަމައެވެ. ނުވަތަ ޕާމަސީން ސެޓްފިކެޓް 3ގެ ކޯހެއް ހަދާފައިވާނަމަ ކަމަށް އެކުންފުނިން ބުނެއެވެ.

އެ ސްކޮލާޝިޕްގެ ދަށުން ކިޔެވޭނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސްއިންނެވެ. ސްކޮލާޝިޕްގެ ދަށުން ސްކޮލާޝިޕް ލިބޭ މީހުންނަށް ކޯސް ފީގެ އިތުރުން ލިވިން އެލަވެންސް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ، އެސްޓީއޯގެ ސްކޮލާޝިޕްގެ ދަށުން ކިޔެވުމަށް ފަހު އެސްޓީއޯގެ ފާމަސީ ހުންނަ ރަށްތަކުގެ ތެރެއިން ކޮންމެވެސް ރަށެއްގައި ވަކި މުއްދަތެއް ވަންދެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.