ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރި މީހުންނަށް ނުދީ ހުރި މުސާރަ އެއްކޮށް ދިނުމަށް އާރުއައިއެކްސް (ރިޒް) ކުންފުންޏަށް އަންގައި އަމުރެއް ނެރެދިނުމަށް އެދި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.
ޕީއައިއެލްސީން އެކަމާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނީ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ގެންދިޔަ ބައެއް ދިވެހި މަސައްކަތްތެރިންނަށް ވެސް މުސާރަ ލިބިފައި ނުވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެގޮތުން ދެ ދިވެއްސަކު ވަނީ މުސާރަ ލިބިފައި ނުވާކަމަށް ބުނެ އެހީވުމަށް އެދި ހުށަހަޅައިފައި ކަަމަށެވެ.
ޕީއައިއެލްސީން ބުނީ ބޮޑުފިނޮޅުގައި މަސައްކަތްކުރި 198 ބިދޭސީންނާއި ދެ ދިވެހީންނަށް ހައްގުވާ މުސާރަ ހޯދައިދިނުމަށްޓަކައި، މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު އެއްކުރުމަށްޓަކައި، ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ބައްދަލުކޮށްފައިވާ ކަމަށެވެ. މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ބަޔާނުގައި ވެއެވެ.
"މި މައްސަލައިގައި ލިބިފައިވާ ލިޔެކިޔުންތަކަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ގެންދިޔަ 200 މަސައްކަތްތެރިންގެ ފަރާތުން، ރިޒް ކުންފުންޏާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުންގެ މައްޗަށް ރައްދުވާ ގޮތަށް، 15 ޖުލައި ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މި ޖަމިއްޔާއިން މައްސަލަ ހުށަހަޅާފައިވާނެ. މިގޮތުން، ހުށަހެޅި މައްސަލައިގައި، މަސައްކަތްތެރިންނަށް ނުދީވާ މުސާރަ އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވާނެ،" ބަޔާނުގައި ވެއެވެ.
ބަޔާނުގައި ވަނީ މުސާރަ ނުދީ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ އެފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި މަސައްކަތްތެރިންގެ ތެރެއިން އެފަރާތްތަކުގެ ގައުމަށް އެނބުރިދާން އެދޭ ފަރާތްތަކަށް ގައުމަށް އެނބުރި ދިއުމުގެ އިންތިޒާމްތައް ރިޒް ކުންފުނިން ހަމަޖައްސައިދިނުމުގެ އަމުރެއް ނެރެދިނުމަށްވެސް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވާނެ ކަމަށެވެ.
ޕީއައިއެލްސީން ބުނީ ބޮޑުފިނޮޅުގައި ތިބި މަސައްކަތްތެރިންނަށް ނުދީވާ މުސާރައިގެ މައްސަލަ، ޝަރުއީ މަރުހަލާގެ ބޭރުން ހައްލު ކުރެވޭތޯ ބެލުމަށްޓަކައި ރިޒް ކުންފުންޏާ އެ ޖަމިއްޔާއިން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލައަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު