ދީނާއި ނޭޝަނަލް އައިޑެންޓިޓީއަށް ނުރައްކާވާ ގޮތަށް ގާނޫނު ހެދުމުގެ ބާރު އެއްވެސް ބަޔަކަށް ލިބިގެން ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑީޑީ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިމިވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހުތަކަކާ ގުޅިގެންނެވެ.
އެ ބިލަށް ގެނައުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް ނުވަތަ ރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބެން ޖެހޭނެ ކަމަށެވެ.
ޑީޑީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދައުލަތުގެ އެންމެ މަތީ މަސްލަހަތާ ގުޅިފައިވާ ދީނާއި، ނޭޝަނަލް އައިޑެންޓިޓީއަށް ނުރައްކާވާ ގޮތަށް ގާނޫނު ހެދުމުގެ ބާރު އެއްވެސް ބަޔަކަށް ލިބިގެން ނުވާ ކަމަށެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި އިސްލާހުތަކާ މެދު މިހާތަނަށް ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި، ރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އެ އިސްލާހު ބިލުގައި ނުހިމެނުމަށް މެންބަރުން ވަނީ ނިންމަވައިފައެވެ.
ނަމަވެސް ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއަކަށް ވިސާ ދޭންޖެހޭ ގޮތަށް އޮތް ބައި ބައެއް އިސްލާހުތަކާއެކު ބިލުގައި ހިމެނިދާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު