ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުން ހައްޔަރުކުރި 19 ބިދޭސީންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ބޮޑުފިނޮޅުން މިމަހުގެ ތިންވަނަ ދުވަހު ހައްޔަރުކުރި 19 މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެ 19 ބިދޭސީންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓު ފުރަތަމަ ކަނޑައެޅީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ފަހަރު ވެސް އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

އެމީހުންނަކީ ބޮޑުފިނޮޅުގައި މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ހިންގި ހަމަނުޖެހުންކުގައި އަމަލީ ގޮތުން ބައިވެރިވި 19 ބިދޭސީންނެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރާ މުވައްޒަފުން ހަމަނުޖެހުން ހިންގާފައިވަނީ އެމީހުންގެ މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވެފައި ވާތީ ކަމަށް އެމީހުން ބުނެއެވެ. އެ ރުޅިވެރިކަމުގައި އިހުތިޖާޖުކޮށް، އެރަށުގައި ތިބި 13 ދިވެހިން ވެސް ވަނީ ރަހީނުކޮށްފައެވެ. އަދި ރަށުގެ އަގުބޮޑު މުދަލަށާއި އެކޮމަޑޭޝަން ބްލޮކްގެ ރޫމްތަކަށާއި އޮފީސް ބަޔަށް ވަނީ ވަރަށް ބޮޑަށް ގެއްލުންދީފައެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުރަތަމަ އެރަށަށް ދިޔައީ ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކަމަށެވެ.

ނަމަވެސް ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދެއްކުމުން އިތުރު ފުލުހުންނާއެކު މިމަހުގެ ދެވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިޔަ ކަމަށާއި އެމީހުން ދިއުމުން ފުލުހުންނާ ދިމާއަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދި ކަމަށެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ބުންޏެވެ.