މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ގަރުނަކަށްވުރެ ގިނަ އަހަރުވީ، ހިދުމަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވަނީ، ދިވެހި ކަސްޓަމްސްގެ ހިދުމަތަށް މިއަދު 130 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.
އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ ކަސްޓަމްސްގެ ލީޑާޝިޕްގައި މަސައްކަތް ކުރެއްވި ފަރާތްތަކާއި މުވައްޒިފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 18 ވަނަ ދުވަސް ފާހަގަކުރަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އަހަރީ ދުވަހުގެ ގޮތުގައެވެ.
ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ބަޔާނުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބުދުﷲ ޝަރީފް ވިދާޅުވީ، ނަޒާހަތްތެރިކަމަށް ފުށުއަރާ އެއްވެސް އަމަލެއް އެއްވެސް މިންވަރަކަށް ބަލައިނުގަންނާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ކަސްޓަމްސް ހިދުމަތުގެ 131 އަހަރަށް ކުރިމަތިލާ އިރު، އެ މުއައްސަސާ ނަގަހައްޓަމުން އައި މުހިއްމު އަގުކުރުންތަކާއި ފުށުއަރާ ބައެއް އަމަލުތައް ހިނގާފައިވުމަކީ ސަމާލުވާން ޖެހޭކަމެއް ކަމަށެވެ.
އެހެންކަމުން ތެދުވެރިކަމާއި އަމާނާތްތެރިކާމާއެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް ކަސްޓަމްސްގެ ހުރިހާ މުވައްޒިފުންނަށް ކޮމިޝަނާ ޖެނެރަލް ވަނީ އިލްތިމާސްކުރައްވައިފިއެވެ. އަދި އެއީ ނަޒާހަތްތެރި މުވައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތްތަކަށް ކަސްޓަމްސްގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ އެހީތެރިކަމަށް އެވިވަޑައިގަންނަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކޮމިޝަނާ ޖެނެރަލް ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ، ކަސްޓަމްސްގެ ކުރިއެރުމަށާއި، ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު