ލައިފް ސްޓައިލް

ފުލުފުލުން އޮންލައިން ކްލާސްތަކާއި އެސައިމެންޓްތައް: ބޯހަލާކު ދޯ؟

އީމާ މުހައްމަދު ވަހީދު

ކޯވިޑް 19ގެ ނުރައްކާތެރި ވަބާ މުޅި ދުނިޔެއަށް ކުރިމަތި ލާން ޖެހިފައިވާއިރު، ސުކޫލުތަކާއި ކޮލްޖުތަކާއި، އޮފީސްތައް އަދި ގިނަ މީހުން އެއްވެ އުޅޭ ތަންތަން ގިނަ ގައުމުތަކެއްގައި ވަނީ ބަންދު ކޮށްފައެވެ. ކޯވިޑް 19 އާއިއެކު ދިރިއުޅެން ދަސްކުރަން ޖެހޭނެ ކަމަށް އެންމެންވެސް އަންނަނީ ބުނަމުންނެވެ. އެގޮތުން ގިނަ ގައުމުތަކުގައި ވަނީ ކޮލެޖްތަކާއި ސުކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިޔަށް ގެންދަން ފަށައިފަ އެވެ. ރާއްޖޭގައިވެސް ކަން އޮތީ މިހެންނެވެ. ކިޔެވުން މެދުކަނޑާ ނުލައި، ޓީޗަރުން އަންނަނީ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށްގެން ކިޔެވުން ކުރިޔަށް ގެންދަމުންނެވެ.

މިވޭތުވެދިޔަ ދެތިން މަސްދުވަހު ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި ކިޔަވާ ކުދިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ފުލުފުލުން އެސައިމެންޓްތަކާއި ކުއިޒުތަކާއި ޓިއުޓޯރިއަލްތައް ދިނުމެވެ. އެގޮތުން އެއް ދުވަހަކަށް ސުންގަޑި ހަމަވާ ގޮތަށް އެކި ޓީޗަރުން އެސައިމެންޓާއި ޓިއުޓޯރިއަލްތައް ދޭތީ ކުދިން ތިބެނީ ހަދާނެ ގޮތް ހުސްވެފައެވެ. ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ބޭރަށް ނުދެވޭ ގޮތަށް ގިނަ ދުވަސްތަކަކަށް ގޭގައި ބަންދުވެގެން ތިބެން ޖެހުމުން ނަފްސާނީ އެކި މައްސަލަތަކާވެސް ދިމާވާނެއެވެ. ނަފްސާނީ އެ ހުރިހާ މައްސަލަތަކާއި ގޭގައި ޖެހޭ މައްސަލަތަކާ ކުރިމަތިލަމުން ކޮންމެ ދުވަހަކު ދޭ ޓިއުޓޯރިއަލްތައް ނިންމައި، އެސައިންމެންޓްތައް ސުންގަޑި ހަމަނުވަނީސް ހަވާލުރަން ޖެހުމުން ގިނަ ކުދިން ތިބެނީ ބޯގޮވައިފައެވެ.

އެސައިމެންޓްތަކާއި ޓިއުޓޯރިއަލްތައް ނުހެދިގެން ބޯގޮވާފައި ތިއްބައި އެނެއްކޮޅުން ކޮންމެ ރެޔަކު ދެތިން ކްލާސް އޮންލައިން ކޮށް ނަގައިދިނުން ކުދިންނަށް ވެގެންދަނީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމަކަށެވެ. އަމިއްލަ އޮފީސްތަކުންނާއި ސަރުކާރުގެ އިދާރާތަކުން ވެސް އަންނަނީ މުވައްޒަފުންނަށް ކޯވިޑާއި ގުޅޭގޮތުންނާއި މީގެ އިތުރުންވެސް މިދުވަސްކޮޅާ ގުޅޭ އެކިހަލަ ޓްރެއިނިން ޕްރޮގްރާމުތައް އޮންލައިން ކޮށް ކުރިޔަށް ގެންދަންމުންނެވެ. ކޮލްޖުތަކާއި ޔުނިވަސިޓީތަކުގައި ކިޔަވާ ގިނަ ކުދިންނަކީ ވަޒީފާތަކުގައި އުޅޭ ކުދިންނެވެ. އެހެންކަމުން ކުރިން ބުނި ފަދައިން ކޮލެޖް ކްލާސްތަކަށް ވަންނަމުން، އޮފީހުގެ ފަރާތުން ހިންގާ އޮންލައިން ޓްރެއިނިން ޕްރޮގްރާމުތަކުގައި ބައިވެރިވުން ގިނަ މީހުންނަށް ވަނީ ވަރަށް ބޮޑު ކަމަކަށެވެ.

ރާއްޖޭގައި ޑޭޓާ އަގުބޮޑު ކަމާއި، ނެޓްވޯކް ލަސްކަމުގެ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ. އޮންލައިންކޮށް ކިޔަވައިދޭ ކުދިންނަށް ވައިފައި ނުވަތަ ޑޭޓާ ސްލޯ ކަމުން ކްލާސްތަކަށް ނުވަދެވި ނުވަތަ ކްލާހަކަށް ވަދެވުނަސް ކިޔާ އެއްޗެއް ސާފު ނުވެ ދިއުމަކީ ވަރަށް ގިނައިން ކުރިމަތި ލާން ޖެހޭ ކަމެކެވެ. ކްލާސް ނިމޭއިރު ކުއްޖާ އިންނާނީ ވާނުވާގައެވެ. އެހެންކަމުން ޓީޗަރެއް މޮޑިއުލެއް ކިޔަވައިދީ ނިންމާއިރު ކުއްޖާއަށް އެކައްޗެއްވެސް ނުވިސްނެއެވެ. ކުދިންނަށް އެސައިމެންޓްތަކާއި ޓިއުޓޯރިއަލްތައް ހެދޭނީ ވެސް ކްލާހުގައި ކިޔަވައިދޭ އެއްޗެއް ފަހުމް ވެގެން ނޫން ހެއްޔެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، އޮންލައިން ކުލާސް ތަކާއި، ތަމްރީނުތަކާއި އެސައިންމެންޓްތައް ދޭ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ. މީހުންގެ ވަގުތު ހުންނާނެ ގޮތާއި ނެޓުގެ ހާލަތާއި ނެޓުގެ އަގު ބޮޑު ކަމާއި މީހުންގެ މާލީ ހާލަތަށް އައިސްފައިވާ ބަދަލަކީ ވެސް ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭނެ ކަންކަމެވެ.