ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުގެ ހިދުމަތްތަކަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އާންމުކުރި ގޮތުގައި ޑީއެންއާރުން އެޕޮއިންޓްމަންޓް އުސޫލުން ހިދުމަތްދިނުމަށް ވަނީ ބަދަލުތައް ގެނެސްފައެވެ.

އެގޮތުން ޑީއެންއާރުގެ ހިދުމަތްތައް dnr.gov.mv މެދުވެރިކޮށް މިހާރު އޮންލައިންކޮށް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އޮންލައިންކޮށް ހިދުމަތަށް އެދޭއިރު، އައިޑީކާޑު ހެދުމަށް ބޭނުންވާ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުދު ބެކްގްރައުންޑުގައި ނަގާފައިވާ ޕާސްޕޯޓުސައިޒުގެ ފޮޓޯގަނޑެއް އެޓޭޗް ކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އައިޑީކާޑުގެ ދެފުށް ކުލަކޮށް ސްކޭން ކުރުމަށްފަހު ސްކޭން ކޮޕީއަކާއި، އަލަށް ނުވަތަ މައުލޫމާތު ބަދަލުވެގެން ކާޑު ހަދާއިރު އުފަންދުވަހުގެ ސެޓްފިކެޓުގެ އަސްލުގެ ކުލަ ކޮޕީއެއް ފޯމާއެކު އެޓޭޗް ކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފޯމުގައި، ގުޅޭނެ ފޯނު ނަންބަރަކާއި، ވެރިފަރާތުގެ ސޮއި، އިނގިލީގެ ނިޝާން އަދި ފޯމު ހުށަހަޅާ ތާރީހު ހިމަނަން ޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ލޮކްޑައުންގެ ކުރިން ހަދާފައިވާ ކާޑެއް ނަގަން ބޭނުންނަމަ ކާޑު ނެގުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓަކަށް އެދި ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެޕޮއިންޓްމަންޓް ދީފައިވާ ގަޑިޔަށް ހާޒިރު ނުވެވިއްޖެނަމަ އަލުން އެޕޮއިންޓްމަންޓެއް ހަދަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އޮންލައިންކޮށް އައިޑީކާޑަށް އެދި ފޯމު ހުށަހެޅުމުން، ކާޑު ނިންމުމަށްފަހު ކާޑު ބަލައި ދިއުމަށް އެސްއެމްއެސް މެދުވެރިކޮށް ވެރިފަރާތަށް އެޕޮއިންޓްމަންޓުގެ މައުލޫމާތު ހިމެނޭ މެސެޖެއް ފޮނުވާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.