ލައިފް ސްޓައިލް

މާހީގެ ހިތްގައިމު ކުރެހުންތައް: ދިވެހި ވަންތަ ކަމަށް ހާއްސަ، ފޯނު ކަވަރުތަކަށް ޗާލު

އީމާ މުހައްމަދު ވަހީދު

ކ. މާލެއަށް އުފަން އުމުރުން 30 އަހަރުގެ ފާތިމަތު މާހީ އަކީ އެންމެ ކުޑައިރުއްސުރެވެސް ކުރެހުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އުމުރުން 9 އަހަރުން ފެށިގެން ކުރެހުމުގެ ތެރޭގައި އުޅެމުން އަންނަ މާހީ ފުރަތަމަ ކުރަހައި އުޅުނީ އަތުގަޔާއި، ގޭގައި ހުންނަ މޭޒުތަކުގައްޔާއި ފާރުގައެވެ. ގޭތެރޭގައި ދައްތަމެންވެސް ކުރަހާ ހަދާ މަންޒަރު ފެނުމުން މާހީ ކުރެހުމުގެ ދާއިރާއިން ކުރިޔަށް ދާން އިތުރަށް ބޭނުން ވިއެވެ. ވަރުގަދަ އަޒުމެއްގައި ކުރި ބުރަ މަސައްކަތުން މިއަދު މާހީ އަކީ ފާހަގަކޮށްލެވޭ ކުރެހުންތެރިއެކެވެ. މާހީގެ ކުރެހުންތައް ކިތަންމެހާވެސް ޗާލެވެ.

މާހީގެ ކުރެހުމުގެ މަސައްކަތާ ގުޅިގެން "ވަން އޮންލައިން" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ކުރެހުމުގެ ދާއިރާއިން ކުރިޔަށް ދިއުމަށް އޭނާގެ އާއިލާއާއި އެކުވެރިން ވަރަށް ބޮޑަށް އެހީތެރިވެ ހިތްވަރު ދިން ކަމަށެވެ. މިހާތަނަށް މީހުންގެ ފަރާތުން ލިބިފައި ހުރި ނެގެޓިވް ކޮމެންޓްތަކަކީ ކޮބައިތޯ މާހީ ކައިރީ ސުވާލުކުރުމުން ބުނީ، އެހާ ނެގެޓިވް ކޮމެންޓެއް ލިބިފައި ނުވާ ކަމަށާއި، ލިބޭ ނެގެޓިވް ކޮމެންޓް ވެސް ނަގަނީ ޕޮޒިޓިވް ކޮށް ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރަނީ މީހުން ކިޔާ ފާޑުކިޔުންތަކުގެ އެހީގައި މާހީގެ މަސައްކަތް އިތުރަށް ކުރިއަރުވައި ރަނގަޅު ކުރަން ކަން އޭނާ ފާހަގަކުރިއެވެ.

މާހީއަކީ މީހުންނަށް އޯޑަރަށް ފޯނު ކަވަރާއި ކެންވާސް ފަދަ އެއްޗެހީގައި ކުރަހައިދީ ޑިޒައިން ކޮށްދޭ އާޓިސްޓެކެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން މާހީ ބުނީ، އޭނާގެ މަސައްކަތްތައް ކަސްޓަމަރުންނަށް ވަރަށް ކަމުގޮސްގެން އެވާހަކަ އެމީހުން ފާހަގަކުރާ ކަމަށެވެ. މާހީ މިއަދު އެހުރި މަގާމަކީ ވެސް އޭނާ ދެކޭގޮތުގައި ހާސިލުކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ބުންޏެވެ. މާހީ ބުނީ، ކުރެހުމުގެ ދާއިރާއިން ހާސިލުކުރަން ބޭނުންވާ މާބޮޑު ލަނޑުދަނޑިއެއް ނެތް ކަމަށާއި، އޭނާ އެ މަސައްކަތް ކުރަނީ މީހުންނަށް އެފޯޑަބަލް އަގެއްގައި ކޮށްދޭ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

މާހީ ކުރީން ވަނީ މޯލްޑިވިއަން އާޓިސްޓު ކޮމިއުނިޓީ (އެމްއޭސީ)ގެ ބޯޑް މެންބަރެއްގެ މަގާމު ފުރައިފައެވެ. މާހީ ވަނީ އެދުވަސްވަރު، އޭނާގެ ކުރެހުންތައް ކަނޑިންމަ މޯލްޑިވްސްގައި ދައްކައިލައިފައެވެ. މީގެއިތުރުން އޭނާ ވަނީ ކުރަހަން ދަސްކޮށްދޭ ކްލާސްތަކެއްވެސް އެ ރިސޯޓުގައި ނަގައިދީފައެވެ. މާހީ ބުނީ، މީގެ ދެއަހަރު ކުރިން އެމްއޭސީގެ ބޯޑު މެންބަރުގެ މަގާމުން އިސްތިއުފާ ދިނީ އޭނާ އޭރު އަދާކުރަމުން ދިޔަ ވަޒީފާގެ ސަބަބުން އެކަމަށް މާ ބޮޑަށް ވަގުތު ހުސްނުކުރެވޭތީ ކަމަށެވެ.

މާހީ ކުރަހަން ދަސްކުރި ގޮތާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ، ކުރަހަން ދަސްކުރީ އަމިއްލަޔަށް ކުރަހައިގެން ކަމަށާއި، ވަކި މީހަކު ދަސްކޮށްދީގެން ނޫން ކަމަށެވެ. މާހީ ބުނީ އޭނާ ގިނައިން ކުރަހާފައި ވަނީ ދިވެހި ރާއްޖެއާއި ދިވެހިންގެ ދިރިއުޅުން ރަމުޒުކޮށްދޭ ކުރެހުންތައް ކަމަށެވެ.

ޝައްކެއްވެސް ނެތެވެ. މާހީގެ ކުރެހުންތައް ބަލައިލަން ވަރަށް ހިތްގައިމުވެފައި ނަލައެވެ. މާހީއަކީ ކުރެހުމުގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ކުދިންނަށް ހުރި ނަމޫނާއެކެވެ. ވަންގެ ޓީމުން އެދެނީ މާހީއަށް ކާމިޔާބު ކުރިމަގަކަށެވެ.