އަޑީ ދައުލަތަކީ ކޮބައިތޯ ދެނެގަނެ އެ ދައުލަތުގެ އެޖެންޑާ އާއި، އެ ދައުލަތުގައި ހަރަކާތްތެރި ވަނީ ކޮންބައެއްތޯ ބެލުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަޔަށް އެންމެ ތިން މެންބަރުން ވާހަކަ ދެއްކެވުމަށްފަހު ނިންމަވާލައްވައިފިއެވެ.
މި ކުއްލި މައްސަަލައިގައި ބުނެފައިވަނީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ 20 މެންބަރަކަށް "އަޑީ ދައުލަތުން" މަރުގެ އިންޒާރު ދެމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރުރާކޮށް ވިދާޅުވަމުން ގެންދަވާ "އަޑީ ދައުލަތު"ގެ ބާރު ރާއްޖޭގައި ވަކި ހިއްޕަމުން އަންނަ ކަމަށާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުތަކުން ވެސް އެ ދައުލަތުގެ ބިރުވެރިކަން ވަޒަން ކުރެވިފައިވާ ކަމަށްވެސް މި މައްސަލައިގައި ބުނުފައިވެއެވެ.
"މިހާރު ވެސް ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ 20 މެންބަރުންނަށް މި ދަންނަވާ އަޑީ ދައުލަތުން ދަނީ ލާދީނީ ފިކުރުގެ ބައެއްކަމުގެ އިލްޒާމު އަޅުވައި މަރުގެ އިންޒާރުދެމުން ހުދު އަޅުގަނޑަށް ވެސް އަންނަނީ މަރުގެ އިންޒާރު ލިބެމުން،" ކުއްލި މައްސަލައިގައި ބުނެފައި ވެއެވެ.
އެ މައްސަލައިގައި އިތުރަށް ބުނެފައިވަނި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތެއްގައި ގަތުލުކުރުމުގެ ހިތާމަ ދިވެހި ރައްޔިތުން އަދިވެސް ތަހައްމަލުކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީ ނަގަހައްޓައި ދިވެހި ދައުލަތް ނޫން އެހެން ދައުލަތެއް ރާއްޖޭގައި އޮތުމަކީ ގާނޫނުއަސާސީގެ އަސްލާއި ހިލާފުވާ ކަމަކަށް ވާތީ، ރައްޔިތުން ސަލާމަތްތެރި ކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މެންބަރުންގެ ޒިންމާއެއް ކަމަށެވެ.
ޖާބިރު މި ކުއްލި މައްްސަލަ ހުށަހެޅުއްވުމުން، އެޔަށް މަޖިލީހުގައި ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި އެކަމަށް ފެންނަ ކަަމަށް ވޯޓު ދެެއްވީ ޖަލްސާގައި ތިބި 30 މެންބަރުންގެ ތެރެއިން 11 މެންބަރުންނެވެ. އެއަށް ބަހުސްކުރަން ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދެއްވިއެވެ.
މި މައްސަަލަޔަށް ވާހަކަ ދެއްކެވީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް