ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް އިއްޔެ ދިން މިސައިލް އަދި ޑްރޯންގެ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެދުކެނޑުމެއް ނެތި މިގޮތަށް ދޭ ހަމަލާތަކަކީ އެސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ.

މީގެ އިތުރުން މިފަދަ ހަމަލާތަކާއި ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުން މަޝްވަރާ ކުރުން މުހިންމުކަން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން އަބަދުވެސް ސައުދީ އަރަބިއްޔާއާއެކު ވާކަމަށާއި ޓެރަރިޒަމާއި ދެކޮޅަށް ކުރެވޭ ބައިނަލްއަގްވާމީ މަސައްކަތުގައި ފަހަތަށް ނުޖެހި އަބަދުވެސް ދެމިއޮންނާނެކަމަށެވެ.